ޔުނެސްކޯ-އައިއޯސީގެ ސުނާމީ ރެޑީ ޕްރޮގްރާމް ރާއްޖޭގައި ތަންފީޒު ކުރުމަށްޓަކައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ސިޓީތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި، އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުއުމިނާ ވަޙީދެވެ. އެންޑީއެމްއޭގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް ހިސާން ޙަސަންއެވެ.
ސިޓީތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ފަހުމުނާމާއަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ދެ މުއައްސަސާގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް، ސުނާމީ ރެޑީ ޕްރޮގްރާމް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް އެކުލަވާލި އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން، ސިޓީތަކާއި އަތޮޅުތަކުގެ ރަށު ފެންވަރުގައި ހިންގާ ވޯކްޝޮޕްތަކާއި، ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތުގައި ސިޓީތަކާ ބެހޭ ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން، ކޮމިއުނިޓީ ބޭސްޑް އެމަރޖެންސީ ރެސްޕޮންސް ޓީމްތައް އެކުލަވާލުމާއި، އެ ޓީމުތަކަށް ބޭނުންވާ ތަމްރީނުތައް ދިނުމުގައިވެސް އެ ވުޒާރާގެ އެއްބާރުލުން ލިބިގެންދާނެއެވެ.
މި މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ވިލަރެސް ކުރުމަށްޓަކައި ދެ މުއައްސަސާގެ ފަރާތުންވެސް ފޯކަލް ޕޮއިންޓުން ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ފަހުމުނާމާގެ ސަބަބުން ކާރިސާތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް ހަލުވިވެ، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

