ރޯދައިގެ ސަބަބުން ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ ނަފުސު ތަހުޒީބުކުރުމަށް ބާރުއަޅާ ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
ނަސްރާއި ކާމިޔާބުގެ މައްސަރު މިމައުޟޫއަށް ދިން މިއަދުގެ ހުތުބާގައި ބުނީ އަހަރެމެންނާއި ބައްދަލުކޮށްފައިވާ މި ބަރަކާތްތެރި މަޟާންމަހަކީ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވުމުގެ މަހެއްނޫން ކަމަށާައި މިއީ ޖިހާދުގެ މައްސަރުު ކަމަށެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި، އިންސާނާގެ ހަށިގަނޑުން ކުރެވޭ ޖިހާދުގެ އިތުރަށް އޭނާގެ ހަވާނަފުސާ ދެކޮޅަށް، އެންމެ ފުރިހަމަ މާނައިގައި ޖިހާދުކުރެވޭ މައްސަރަކީ މިއީއެވެ. މި މައްސަރުގައި ހިފާ ރޯދައިގެ ސަބަބުން ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު ތަހުޒީބުކުރުމަށް ބާރުއަޅާ ކަމަށް ހުތުބާގައި ބުންޏެވެ. މިކަމާ ގުޅޭގޮތުން ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ: “އަދި މުޖާހިދަކީ ﷲ سُبْحَانَهُ وَتَعَالَى އަށް ކިޔަމަންތެރިކަން އަދާކުރުމުގައި، އޭނާގެ އަމިއްލަ ނަފުސާ ދެކޮޅަށް ޖިހާދުކުރާ މީހާއެވެ.”
ރޯދަވެރިޔާ އޭނާގެ ކުރިމަތީގައި ﷲ ޙަލާލުކުރައްވާފައިވާ ކާތަކެއްޗާއި ފެން ހުރި ނަމަވެސް، އެކަލާނގެ އަމުރުފުޅަށް ބޯލަނބައި އެތަކެއްޗާ ދުރުހެލިވަނީ ނަފުސު އެކަމަށް އެދިއެދި އޮއްވައެވެ. ސިއްރިޔާތުގައި ވެސް އެއިން ކަމަކާ ކައިރިނުވެ ހުރުމަކީ ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖަ ކަމަށާއި، މީގެ ނަތީޖާއެއްގެ ގޮތުން ޝައިތާނީ ގޮވުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބޭނެ ކަމަށް ހުތުބާގައި ބުންޏެވެ. މިއީ މުޅި އަހަރުދުވަހު ޙަރާމް ކަންކަމުން ދުރުހެލިވުމަށް ލިބޭ މަތިވެރި ތަމްރީނެކެވެ.
އިސްލާމީ ތާރީޚަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، ރަމަޟާން މަހަކީ މުސްލިމުން އެންމެ ބޮޑެތި ނަޞްރާއި ކާމިޔާބީތައް ހޯދި މައްސަރު ކަމަށެވެ. އެގޮތުން ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހު ހިނގި ބަދުރު ހަނގުރާމައާއި، ހިޖުރައިން 8 ވަނަ އަހަރުގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހު ހިނގި މައްކާ ފަތަޙަކުރުމުގެ މަތިވެރި ހާދިސާ ހުތުބާގައި ހަނދާންކޮށްދިނެވެ. މި ހާދިސާތަކުން އެނގެނީ ޙަޤީޤީ ކާމިޔާބަކީ ބާރުލިބޭ ހިނދު އަނިޔާވެރިވުން ނޫންކަމާއި، ރޯދައިގެ ރޫޙާނީ ތަރުބިޔަތުން ނަފުސު ތަހުޒީބުކުރުން ކަމަށް ހުތުބާގައި ބުންޏެވެ.
ރަމަޟާން މަހުގެ ފަހު ދިހައަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، މި މަހުގެ ކާމިޔާބީ ހޯދަން ބޭނުންނަމަ ލައިލަތުލްޤަދުރި ހޯދަން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އެ ރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ ހުރިހައި ހެޔޮކަމަކުން މަޙުރޫމުވެއްޖެ ކަމަށް ހުތުބާގައި އިންޒާރު ދިނެވެ.
ހަމައެއާއެކު، މުސްލިމު މުޖުތަމަޢުގައި ރަމަޟާން މަހުގެ ޙުރުމަތް ދަމަހައްޓަން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ. ވަކިން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތަކުން، އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ނުދިނުމަށާއި، އެކަމަށް ޚާއްޞަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިލްތިމާސްކުރިއެވެ. އަދި ފަތުރުވެރިން ވެސް އިޖުތިމާޢީ މިންގަނޑުތަކަށް އިޙުތިރާމްކުރުމަށް ބާރުއެޅުމަށް ކައުންސިލުތަކަށް ހުތުބާގައި ގޮވާލިއެވެ. “ލޯކަލް ޓޫރިޒަމްގެ މާނައަކީ އަމިއްލަ ސަޤާފަތާއި އާދަކާދައިގެ މައްޗަށް ހިނގާ ފަތުރުވެރިކަން،” ކަމަށް ހުތުބާގައި ބުންޏެވެ.
ރޯދައިގެ ތެރޭގައި ކުރެވޭ ކުށްތަކުގެ ކައްފާރާއެއްގެ ގޮތުންނާއި ފަޤީރުންނަށް އެހީވުމުގެ ގޮތުން ފިތުރު ޒަކާތް ދެއްކުމަށް ހުރިހާ މުސްލިމުންނަށް ނަސޭޙަތްތެރިވިވަމުން ބުނީ މި ބަރަކާތްތެރި ރަމަޟާންމަހު ރޯދައަށް ހުންނަ ހިނދު، އަހަރެމެންނަށް. ކުރެވޭ ކުށްތަކުންނާއި “ދެކެވޭ، ބޭކާރު ވާހަކަތަކުގެ ކައްފާރާއެއްގެ ގޮތުގައި ރޯދައިގެ އަޅުކަން، ފުރިހަމަކުރުމަށާއި ޢީދުގެ އުފަލުގައި، ފަޤީރުންނާއި ޔަތީމުން ވެސް، ބައިވެރިވާ ބަޔަކަށް ހެދުމަށް، ޓަކައި ލައްވައިފައިވަނީ ފިތުރު ޒަކާތް ކަމަށާއި. ޢީދު ވިލޭރެއާއި، ޢީދު ދުވަހު، ކެއުމަށް. ބޭނުންވާ މިންވަރަށް، ވުރެ އިތުރަށް ލިބިފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟެއްގެ ގޮތުގައެވެ.
إِبْنُ عَبَّاسٍ رَضِيَ الله عَنْهُمَا އަރިހުން، ރިވާވެގެން ވެއެވެ. “ރޯދައަށްހުރެ ދެއްކޭ ބާޠިލު ވާހަކަތަކުންނާއި ކުރެވޭ. ނުރަނގަޅު ކަންކަމުން ރޯދަވެރިޔާ ޠާހިރުކޮށްދޭ ކަމެއްގެ ގޮތުގައްޔާއި މިސްކީނުންނަށް ދެވޭ. ކެއުމެއްގެ ގޮތުގައި ރަސޫލުﷲ ﷺ ފިތުރު ޒަކާތް ފަރުޟުކުރެއްވިއެވެ.” އެހެންކަމުން ވަގުތު ފާއިތުވުމުގެ ކުރީން ތިމާއަށާއި ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހުންގެ ފަރާތުން މި ވާޖިބު އަދާކުރުމަށް އަވަސްވެގަތުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
މިއަދުގެ ހުތުބާވެސް ނިންމާލީ ރަސޫލާގެ މައްޗަށް ސޮލަވާތް ކިޔެވުމަށް ނަސޭޙަތްތެރިވެ ހަނދުމަކޮށްދިނުމާއެކު ސޮލަވާތް ކިޔެވުމުންނެވެ.

