ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މެޖޯރިޓީ މިހާތަނަށް ނަގަހައްޓަމުން އައި އެމްޑީޕީ ބަލިކޮށް، އެ ސިޓީގެ ސިޔާސީ ތާރީހު ބަދަލުކުރާނެ ކަމަށް ޕީއެންސީގެ ޓިކެޓުގައި މޭޔަރުކަމަށް ވާދަކުރައްވާ ކެނޑިޑޭޓް އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކުޅުދުއްފުށީ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އިބްރާހިމް ހަސަން ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ހުރިހާ ދައުރުތަކެއްގައިވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. ނަމަވެސް، މިފަހަރުގެ އިންތިހާބުގައި އެ ތާރީހު ބަދަލުކުރުމަށް އަތުކުރި އޮޅާލައިގެން ނުކުމެ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
“ވޭތުވެދިޔަ ހުރިހާ ކައުންސިލްތަކެއްގައިވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލްތަކަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކެއް. މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ނުކުމެ މިތިބީ މި ތާރީހް ބަދަލުކުރުމަށް. އަޅުގަނޑުމެންގެ މަސައްކަތުން މި ތާރީހް ބަދަލުކުރާނަން،” އިބްރާހިމް ހަސަން
ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ބަދަލެއް ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ވޭތުވެދިޔަ ދައުރުތަކުގައި އެ ސިޓީގެ އިގްތިސާދީ ތަރައްގީއަށް އައިސްފައިވާ ހީނަރުކަން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެނޑިޑޭޓުން ހޮވައިފިނަމަ، ކުޅުދުއްފުށީގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެންމެ ފަހު ދުވަހާ ހަމައަށްވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ސިޓީގެ ތަރައްގީއާ މެދު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރައްވަމުން އިބްރާހިމް ހަސަން ވިދާޅުވީ، އޭނާގެ އަމާޒަކީ ވިޔަފާރިއަށް ހަމަހަމަ ފުރުސަތުތަކެއް އޮތް، ވަޒީފާގެ ދޮރުތައް ހުޅުވިފައިވާ އަދި ތަރައްގީގެ މަންފާ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބޭނެ އުއްމީދީ ސިޓީއަކަށް ކުޅުދުއްފުށި ހެދުން ކަމަށެވެ.
ވާހަކަ ނިންމަވާލައްވަމުން އިބްރާހިމް ހަސަން ވިދާޅުވީ، މޭޔަރުކަމަށް ހޮވިއްޖެނަމަ ކުޅުދުއްފުއްޓަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިދުމަތް ފޯރުކޮށްދޭ، އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ސިޓީއަކަށް ހަދާނެ ކަމަށެވެ.

