ތ. ވިލުފުށީގައި ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ އެ ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.
އެމްއޭސީއެލްއިން މަޢުލޫމާތު ދެއްވާ ގޮތުގައި، އެއަރޕޯޓަށް ބޭނުންވާ ޖުމުލަ 81 ހެކްޓަރުގެ ބިމުގެ ތެރެއިން މިހާތަނަށް 79 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ. މިއާއެކު ބިން ހިއްކުމުގެ މަސައްކަތުގެ ގާތްގަނޑަކަށް 98 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ. “ބިން ހިއްކުމަށް ވެލިއެޅުމުގެ ހުރިހާ މަސައްކަތްތައް ކުރިއަށް އޮތް ހަފްތާގައި ނިންމާނެ” ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މި މަސައްކަތް ކުރިއަށްގެންދަނީ 11,300 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި “ފިލިއްޕޯ ބްރޫނެލްޝީ” ނަމަކަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެންނެވެ. ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ. އަމަލީ މަސައްކަތް ފަށާފައިވަނީ ނޮވެންބަރު 14 ވަނަ ދުވަހުއެވެ.
ވިލުފުށީ އެއަރޕޯޓަކީ 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓެކެވެ. މި މަޝްރޫޢުގެ ދަށުން ރަންވޭގެ އިތުރުން ޕަސެންޖަރ ޓާމިނަލް، ފަޔަރ ބިލްޑިންގ އަދި އެއަރޕޯޓަކަށް ބޭނުންވާނެ އެންމެހާ ވަސީލަތްތައް ޤާއިމްކުރާނެއެވެ. އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު 2 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި މި އެއަރޕޯޓު ހިންގާނީވެސް އެމްއޭސީއެލްގެ ފަރާތުންނެވެ.
ތ. އަތޮޅުގެ 13 ރަށުގައި 10,000 އަށްވުރެ ގިނަ މީހުން ދިރިއުޅޭއިރު، ވިލުފުށީގެ އާބާދީއަކީ 1,000 އަށްވުރެ ގިނަ މީހުންނެވެ. މި އެއަރޕޯޓާއެކު މުޅި އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމަށެވެ. އެގޮތުން މި ދައުރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 15 އެއަރޕޯޓެއް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަރާރެއް ނެރުއްވާފައެވެ.

