ސުވާލު: ރޯދައަށް ހުއްޓާ ނޭފަތުން ލޭ އައިސްފިނަމަ ރޯދަ ގެއްލޭނެތޯއެވެ؟ ބަލިތައް ތަޙްލީލު ކުރަން ނަގާ ލެއިން ރޯދަ ގެއްލޭނެތޯއެވެ؟ އަދި ރޯދައަށް ހުރެ ލޭ ބޭނުންވެފައިވާ މީހަކަށް ލޭ ހަދިޔާ ކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
ނޭފަތުން ލޭ އަޔަސް ރޯދަ ނުގެއްލޭނެއެވެ. ހަމަ އެފަދައިން އެކި އެކި ތަޙްލީލުތަކަށް ލޭ ނެގިއަސް ރޯދައެއް ނުގެއްލޭނެއެވެ. ނަމަވެސް ލޭ ހަދިޔާ ކުރުމީ ގިނަ ޢިލްމުވެރިން ވިދާޅުވާ ފަދައިން ކަވާ ޖެހުން ފަދަ ކަމެކެވެ. ކަވާ ޖެހުމަކީވެސް ރޯދަ ގެއްލޭ ކަމެކެވެ.
އެހެން ކަމުން ލޭ ހަދިޔާ ކުރުމުން (ލޭދިނުމުން) ރޯދަ ގެއްލޭނެއެވެ. އެހެންކަމުން ފަސްކުރެވެން އޮތްނަމަ އިރު އޮއްސެން ދެން ލޭ ދިނުން ޖެހޭނީ ފަސްކުރާށެވެ. ނަމަވެސް މީހެއްގެ ފުރާނައަށް ނުރައްކަލެއް ވެއްޖެ ޙާލަތެއްގައި ނުވަތަ ކުއްލިއަކަށް މީހަކު އެކްސިޑެންޓްވެގެން އޮޕަރޭޝަން ކުރަން ޖެހިގެން ރޯދަ ނޫން މީހެއްގެ ގައިން ލޭ ލިބެން ނެތް ނަމަ ލޭ ދިނުން ހުއްދައެވެ. އަދި އެހެން މީހަކު ނެތިއްޖެ ޙާލެއްގައި ވާޖިބުވެސް ވާނެއެވެ. ނަމަވެސް ފަހުން އެދުވަސް ޤަޟާ ކުރަން ވާނެއެވެ. އަދި މިފަދަ ޙަލެއްގައި ރޯދަ ދޫކޮށްލުމަކުން ފާފަވެރިއެއްވެސް ނުވާނެއެވެ.

