ބ.އަތޮޅު ލަނޑާގިރާވަރުން މާލެއަށް އިއްޔެ ރޭ ދަތުރުކުރަމުން ދިޔަ ޓަގު ބޯޓެއް އޮޔާ ދަނިކޮށް ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެ ޓަގުގެ ބުރަފަތީގައި ވަލެއް އޮޅިގެން އޮޔާދާތީ، ސިފައިން ހަރަކާތްތެރިވި ކަމަށެވެ. އަދި އެ ޓަގްބޯޓުގައި ފަސްމީހުން ތިބި ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
“ނީލް” ނަމަކަށް ކިޔާ މި ޓަގްބޯޓަކީ ބާޖެއް ކަފުޖަހައިގެން ބ.ތުޅާދޫގެ ހުޅަނގު ދެކުނުން 9 ނޯޓިކަލް މެއިލް ބޭރުން ދަތުރުކުރަމުން ދިޔަބޯޓެކެވެ. މި ޓަގުގެ ބުރަފަތީގައި ވަލެއް އޮޅިގެން އިންޖީނު ހުއްޓުމުގެ ހާދިސާގެ މަޢުލޫމާތު އެމްއާރްސީސީއަށް ލިބިފައިވަނީ ރޭގެ 21:38 ހާއިރުއެވެ. އަދި އެ މައުލޫމާތު ލިބުމާއެކު ޓަގުގެ ވެރިފަރާތާއިއެކު މުއާމަލާތް ކުރަމުން ދިޔަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ފަސް މީހުންނާއި އެކު ދަތުރުކުރި މި ޓަގު ބޯޓު ހޯދަން އެމްޢެންޑީއެފްގެ ކޯސްޓުގާޑާއި، ޑޯނިއާރ މަތިންދާ ބޯޓުން ކުރި މަސައްކަތުން ބޯޓު ފެނިފައިވަނީ މިއަދު 11:46 ހާއިރު ތުޅާދޫގެ ހުޅަނގުދެކުނުން 28.6 ނމ ބޭރުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

