ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވުމަށް “މުރައިދޫ” ގަނޑުވަރު ސަރުކާރުން ފައިސާ ހަމަޖައްސައި ބިނާކޮށްފި ކަމަށާއި، ނަމަވެސް އަރަބިއްޔާ ސްކޫލްއަށް އިމާރާތެއް ހެދުމަށް ޖާގައާއި ފައިސާ ނެތް ކަމަށް ސަރުކާރުން ބުނަމުންގެންދާތީ އެކަމަށް ރާއްޖޭގެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވެފައިމިވަނީ، އަރަބިއްޔާ ސްކޫލްގެ މައްސަލައިގައި ސަރުކާރުން އެކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ނުކުޅެދިފައިވާތީއެވެ. އެގޮތުން މިއަދު ކުރެއްވި ޓުވީޓުގައި މަލީހް ވިދާޅުވީ، ރައީސް ނަޝީދަށް ޚާއްސަކޮށް ރަސްމީ ގެކޮޅެއް ބިނާކުރެއްވުމަށް ގާނޫނު ހަދައި ފައިސާ ހަމަޖެހި، ސިފައިން ލައްވާ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު ބިނާކޮށްފި ކަމަށެވެ.
“މުރައިދޫ ގަނޑުވަރު ސިފައިން ލައްވާ ބިނާކޮށްފި. އެއްވެސް ތާއްޓެއް ނެތް. އަރަބިއްޔާއާއި ޖެހުނީމަ ޖާގައެއް ނެތް ފައިސާއެއް ނެތް. ޝެއާ ކުރަންވީ. އެހެންނަމަ ރައީސް އިބޫއާއި ރައީސް ނަޝީދަށް މުލިއާގޭ އެކޮމަޑޭޝަންވެސް ޝެއަރ ކުރެވުނީސް. ހޮޅި ވާހަކަ.” – މަލީހް ޖަމާލް
މަލީހް މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު އެމަނިކުފާނު އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދެވުމަށްފަހު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ. އަދި މަޖިލީހުގެ ރައީސް އަށް ހާއްސަކޮށްގެން ރަސްމީ ގެކޮޅެއް ހަމަޖެއްސުމުގެ އިތުރުން މަޖިލީހުގެ ރައީސްގެ ބިއުރޯގެ ހިދުމަތްތަކަށް 1،293،136 މިިލިއަން ރުފިޔާ، ކޯޕަރޭޓް ހިދުމަތްތަކަށް 3،210،812 މިލިއަން ރުފިޔާގެ އިތުރުން ހައުސް ހޯލްޑް ހިދުމަތްތަކަށް 2،357،668 ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ.