ވ.ފެލިދޫ ސްކޫލުގެ ބެލެނެވެރިން ހުއްޓާނުލާ އިހުތިޖާޖް ކުރުމުން އެޑިއުކޭޝަން މިނިސްޓްރީން އެސްކޫލުގެ ޕްރިންސިޕަލް ފުރުވައިލައިފިއެވެ.
ފެލިދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސްރުﷲ ވިދާޅުވި ގޮތުގައި އެރަށު ސްކޫލްގެ ބެލެނެވެރިން އިއްޔެއިން ފެށިގެން މިއަދު ހެދުނާ ހަމަޔަށް ހުއްޓާނުލާ އިހުތިޖާޖް ކުރަމުން ގެންދިޔަ ކަމަށެވެ. އަދި މީގެ ކުރިންވެސް އެޑިއުކޭޝަން މިނިސްޓަރ އެރަށަށް ވަޑައިގަތުމުން ބެލެނެވެރިން އެކަމަނާއާ ބައްދަލުކޮށް ޕްރިންސިޕަލް ބަދަލުކުރުމަށް އެދިފައިވާ ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް ޝަކުވާ ހުށަހެޅުމުންވެސް މިހާތަނަށްވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ނަސްރުﷲ ވިދާޅުވިއެވެ.
މައުލޫމާތު ލިބުނު ގޮތުގައި އެސްކޫލްގެ ލީޑީންގ ޓީޗަރަކު އިއްޔެ ވަނީ ސަސްޕެންޑް ކޮށްފައެވެ. މިމައްސަލަޔާ ގުޅިގެން ބެލެނެވެރިން ވަނީ އިހުތިޖާޖު ފަށާފައެވެ. އެކަމުގައި ޕްރިންސިޕަލްގެ ނުފޫޒު އޮތް ކަމަށް ބެލެނިވެރިންނާއި ބައެއް ޓީޗަރުން ވެސް ތުހުމަތު ކޮށްފައިވާއިރު، އެކަމާ ގުޅިގެން ޕްރިންސިޕަލްގެ ބަހެއް ނުލިބުމުން އިހުތިޖާޖު ކުރަން ފެށީ ކަންވެސް އެނގިފައިވެއެވެ.
ފެލިދޫ ސްކޫލުން ބަދަލުކުރީ އިންޑިއާގެ ޕްރިންސިޕަލެކެވެ. އޭނާ އެ ސްކޫލުގެ ޕްރިންސިޕަލްކަމާ ހަވާލުވެލެއްވީ މިއަހަރުގެ މެދުތެރޭގައި ވަގުތީ ގޮތުންނެވެ.