ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ “ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯލް ޓޯނަމެންޓް 2021” މާދަމާ ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެ ކަމަށް އެ މުބާރާތް އިންތިޒާކުރާ ޖަމިއްޔާ ކަމަށްވާ ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިޔުނިޓީ އެމްޕަވަރމެންޓް (ފޭސް) އިން ބުނެފިއެވެ.
ފޭސް ޖަމިއްޔާއިން މައުލޫމާތު ދެއްވަމުން ބުނެފައިވަނީ، ވޮލީ ބޯޅަ މުބާރާތް މާދަމާ ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އެގޮތުން، ރަށުން ބޭރުން އަންނަ މެހުމާނުންނަށް މަރުހާބާ ކިޔުމާއި، ރަށު ތެރެއާއި، މުބާރާތް ބާއްވާ ސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ޖުމްލަކޮށް ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ.
“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް” އަށް ވަމުންދާ ތައްޔާރީ ތަކުގެ ތެރެއިން
އެގޮތުން، ރޭގެ ވަގުތެއްގައި މި މުބާރާތުގައި ކުޅޭ ޓީމްތަކުގެ މެދުގައި ގުރުވަތުލުން ކުރިއަށް ގެންގޮސްފައިވާއިރު، މި މުބާރާތުގައި ކުޅޭނީ ގދ.ފަރެސްމާތޮޑާ، ގދ.ގައްދޫ، ގދ.ފިޔޯރީ، ގދ.މަޑަވެލި، ގދ.ރަތަފަންދޫ އިން އަންހެން އަދި ފިރިހެން ޓީމެކެވެ.
“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް” ގައި އެންމެ ފުރަތަމަ މެޗެއްގެ ގޮތުގައި ކުޅުމަށް ތާވަލު ކޮށްފައިވަނީ ގދ.ފަރެސްމާތޮޑާ ގެ ފިރިހެން ޓީމާއި ގދ.މަޑަވެލި ފިރިހެން ޓީމް ބައްދަލުކުރާ މެޗެވެ. މި މެޗްގެ ކުޅުން ފަށާނީ މާދަމާ ހަވީރު 4:15 ގައެވެ. އަދި މާދާމާ ރޭ 8 ޖަހާއިރު ފަރެސްމާތޮޑާގެ އަންހެން ޓީމާއި، މަޑަވެލީގެ އަންހެން ޓީމް ބައްދަލު ކުރާމެޗް އޮންނަ އިރު، މާދާމާގެ އެންމެ ފަހު މެޗެއްގެ ގޮތުގައި ރަތަފަންދޫ ގެ ފިރިހެން ޓީމާއި، ފިޔޯރީގެ ފިރިހެން ޓީމް ބައްދަލު ކުރާ މެޗް ވަނީ ތާވަލު ކޮށްފައެވެ.
“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް” ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ތާވަލު
މި މުބާރާތުގެ ރެޖިސްޓްރީވުމުގެ ފުރުސަތު ހަމަވި އިރު 12 ޓީމަކުން މި މުބާރާތުގައި ބައިވެރިވުމަށް ރެޖިސްޓްރީ ވެފައިވީ ނަމަވެސް، ކޮވިޑްގެ ސަބަބުން ބައެއް ރަށްތައް މޮނިޓަރިންގ އަށް ލުމުންނާއި އަދި އެހެނިހެން އެކި ސަބަބަކާއި ހުރެ މާދަމާ ފަށާ މި މުބާރާތުގައި ބައިވެރިވާނީ 10 ޓީމަކުންނެވެ.
މާދާމާ ހަވީރު 4 ޖަހާއިރު ފިޔޯރީ ޔޫތް ސެންޓަރ ވޮލީ ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ، ރަށު ކައުންސިލް ތަކަށާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން އަތޮޅު ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫޙް އާލާކުރުމަށާއި، ކުޅިވަރުގެ ޖޯޝާއި ފޯރިއާއި ދުޅަހެޔޮކަން އިތުރު ކުރުމުގެ މަގްސަދުގައި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގައި އަންހެން ފިރިހެން ދެ ޑިވިޝަން އަށް ކުޅެވޭއިރު، ޗެމްޕިއަން ޓީމް އަށް 20،000 (ވިހިހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ރަނަރއަޕް އަށް 10،000 (ދިހަހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ހޮވިގެން ދާއިރު އަތޮޅުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާވެސް ހޮވިގެން ދާނެއެވެ.
“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021” ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އެސްޓިއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.