ޖަނުއަރީ އެއްވަނަ ދުވަހު ފެށި އަތޮޅުގެ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021″ ފިރިހެން ޑިވިޝަންގެ 7 ވަނަ މެޗުން، މަޑަވެލި މައްޗަށް ކުރިހޯދައި ފިޔޯރީ އިން މެޗު ކާމިޔާބު ކޮށްފިއެވެ.
ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން މަޑަވެލި ބަލިކޮށް ފިޔޯރީއިން މެޗު ކާމިޔާބު ކޮށްފައިވަނީ 3-0 ސެޓުންނެވެ.
ފުރަތަމަ ސެޓުގައި ދެޓީމުންވެސް ވާދަވެރި ކުޅުމެއް ދައްކާފައިވީނަމަވެސް ފިޔޯރީ ޓީމުން އެ ސެޓު 25-15 އިން ފަސޭހަ ކަމާއި އެކު ކާމިޔާބު ކޮށްފައިވާއިރު ދެވަނަ ސެޓުގައި މަޑަވެލި ޓީމުން ވަނީ ނަތީއްޖާ އެއްވަރެއްގައި ހިފެހެއްޓޭތޯ މަސައްކަތް ކޮށްފައެވެ. އަދި ވާދަވެރިކޮށް ކުޅުނު ދެވަނަ ސެޓު ނަތީއްޖާ ކުޑަތަފާތަކުން ކާމިޔާބުކޮށްފައިވާއިރު، ދެވަނަ ސެޓު ނަތީއްޖާއަކީ ފިޔޯރީ 25 އަދި މަޑަވެލި 21 އެވެ.
މިމެޗުގެ ތިންވަނަ ސެޓު ފަސޭހަ ކަމާއި އެކު ފިޔޯރީގެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން ފަހު ސެޓު ފިޔޯރީ އިން ކާމިޔާބު ކުރެވުނީ 25-19 އިންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ފިޔޯރީ ޓީމުގެ ޖަރޒީ ނަންބަރު 9 އިސްމާއިލް ސާޖިދް އެވެ.
ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021” ގައި މިރޭ އަންހެން ޑިވިޝަންގެ މެޗެއް ކުޅުމަށް ވަނީ ހަމަ ޖެހިފައެވެ. އެގޮތުން މިރޭ 20:00 ގައި މަޑަވެލި އަދި ފިޔޯރީގެ އަންހެން ޓީމު ބައްދަލު ކުރާ މެޗު ވަނީ ތާވަލު ކޮށްފައެވެ.