އަންނަ އާދީއްތަ ދުވަހު ދެވަނަ ޓާމުގެ ކިޔެވުން ފެށިގެންދާއިރު މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ފުރަތަމަ ހަފްތާގައި ދަރިވަރުން ސްކޫލަށް ހާޒިރުވާން ޖެހެނީ އެންމެ ދެދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު އިތުރުވަމުންދިޔުމާއި ގުޅިގެން އެސަރަހައްދުގެ ސްކޫލްތަކުގައި ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އަޅަން މިނިސްޓްރީން ވަނި އަންގާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނާގޮތުން ދެވަނަ ޓާމް ފެށިގެންދާއިރު ފުރަތަމަ ހަފްތާގައި އަޅަން ހަމަޖެހިފައިވާ ފިޔަވަޅުތަކަކީ:
- ގްރޭޑް 1 އިން 8 ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން 2 ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ތައްޔާރުކުރުން
- ސްކޫލުގެ ކިޔަވައިދޭ ދަންފަޅި ކުރުކުރުން.
- ދަރިވަރުން ސްކޫލަށް ހާޒިރު ވުމުން ހުންބެލުން އަދި ސެނެޓައިޒްކުރުން ނުވަތަ އަތްދޮވުން.
- ސްކޫލްގެ ހުރިހާ ހަރަކާތްތަކެއްގައިވެސް ގައި ދުރުކަން ދެމެހެއްޓުން
- ކްލާސްރޫމްގައި ދަރިވަރުން ތިބޭއިރު 3 ފޫޓު ދުރުމިން ބެހެއްޓުން.
- މާސްކު ނަގައިގެން ހިންގަންޖެހޭ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގުން.
- ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ދެއްވާ އިރުޝާދުތަކަށް އަމަލުކުރުން ހިމެނެއެވެ.
ސްކޫލްތަކުގައި ދެވަނަ ޓާމުގެ ކިޔެވުން ހަމަޖެހިފައިވާ ގޮތް ސްކޫލްތަކުން ބެލެނެވެރިންނަށް އަންގާނެކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.