މަޢުލޫމާތު
ވިލިނގިލީ “ބޮޑެގެ”

ގއ.ވިލިނގިލީ “ބޮޑެގެޔާ” އަކީ ހާދަހައި ގިނަ ވިޔަފާރިއެއް ހިނގިތަނެކެވެ. ހާދަހައި ގިނަ ކަނޑުމަހެއް ކައްކައި ހިއްކައި ފައްލަވަކޮށް ކޮޅުބަށް އެކްސްޕޯރޓް ކުރި އަދި މާލެއަށް ފޮނުވައި ވިޔަފާރިކުރި ތަނެކެވެ. ވިޔަފާރިއާއި އެކިއެކި ބޭނުމުގައި ހާދަހައި ގިނަބަޔަކު ވަދެނުކުމެ އުޅުނު ގެއެކެވެ. ހާދަހައި ގިނަ މަސްދޯނި ދުއްވިިި ގެޔެކެވެ. ހާދަހައި ބޮޑު އޮޑިއެއްވެސް ދުއްވި ގެއެކެވެ. ހާދަހައި ވަރުގަދަ ކެޔޮޅަކުވެސް އުޅުނު ގެއެކެވެ.

އާދޭހެވެ! ތިޔަހީފުޅު ކުރެއްވީ ރަނގަޅަށެވެ. އަޅުގަނޑު ދަންނަވައިލެވޭތޯ މިމަސައްކަތް ކުރަނީ ގއ. ވިލިނގިލީ ޙަލީމާގެ އިބްރާހީމްގެ ގެ ގއ. ވިލިނގިލީ ނަސްރީނުމާގޭގެ ވާހަކައެވެ. އެގެޔަށް ރަށުގެ މީހުންގެ މެދުގައި މަޝްހޫރުވެ ކިޔަމުން އަންނަ ނަމަކީ “ބޮޑެގެ” އެވެ. މިހާރުވެސް އެއީ ކުޑަޔަސް އަދި ވީރާނާވެފައި ވިޔަސް ބޮޑެގެއެވެ.

އަލްމަރްޙޫމް ޙަލީމާގެ އިބްރާހީމަކީ ވަރުގަދަ މަސްވެރިއެކެވެ. ވަރުގަދަ ކެޔޮޅެކެވެ. ތަނަވަސްކަން އިތުރުވެ ދޯނިފަހަރުތައް ގިނަވެ ފަހުން އަމިއްލަ ކެޔޮޅުކަމުގައި މަސްވެރިކަން ނުކުރެއްވިޔަސް 1971 ވަނަ އަހަރުގެ މަޝްހޫރު މޭރަމުގައި ވިލިނގިލި ކައިރިން މަސްބާނާތަން ފެނިގެން ނުހުރެވިގެން އޮޑި ބޮއްކުރާގައި ދެކުއްޖަކު ގޮވައިގެން ފަލިޖަހާފައި މަހަށްނުކުތެވެ. އެމެއްނެތި މަސްބާނާނެ ދޮށްޓެއްވެސް ނެތިއެވެ. އޭރު އިބްރާހީމްބެއްޔާގެ “ހަކީލެޔާ” ވިލިނގިލީ ފަރުދަށުން ވަރަށް ކައިރިން މަސްބާނައެވެ. ކެޔޮޅު ކަންކުރެއްވި ގޮތަކީ ހަކީލެޔާއާ ކައިރި ކޮށްފައި ކުުރު އަސާބުރިއެއްކަހަލަ ދޮށްޓެއް ހޯދައިގެން ހަކީލެޔާ ކައިރީ ބާއްވައިގެން މަސްބާނަނީއެވެ. އޮޑިބޮއްކުރާ ފުރުނީމައި ހަކީލެޔާއަށް މަސްއަރުވަނީއެވެ. ކޮންމެއަކަސް މިއީ ވިލިނގިއްޔަށް އެޒަމާނުގައި އުފެދުނު އެންމެ މުއްސަނދި ސައުދާގަރު އެންމެ ފަހުން މަހަށްދިޔަ ދުވަހުގެ ވާހަކައެވެ.

ޙަލީމާގެ އިބްރާހީމަކީ ރައްޔިޔުންގެ ކަންކަމުގައި އެންމެ ކުރިއަށް ހުންނެވި ވަރަށް ޚިދުމަތްތެރި ބޭކަލެކެވެ. ރަށުގައި ހިނގާ ކަންކަމަށް ޚަރަދުކުރައްވައި ކަންކަމުގައި ބައިވަމުން ގެންދެވިއެވެ. ހަވަރުތިނަދޫގައި އަތޮޅުމަދުރަސާއެއްގެ ގޮތުގައި އަމީރު އިބްރާހީމް ހިންގި ދުވަސްވަރު އެ މަދުރަސާގެ މާލިއްޔަތަށް ވަރަށް ދީލަތި ކަމާއެކު ތަކެތި ދެއްވައި މަދުރަސާ ތަނަވަސް ކުރެއްވުމަށް އެހީތެރިވެ ދެއްވިއެވެ.

ވިލިނގިލި އިހުޒަމާނުގައި އޮންނަނީ މެދުގައި ވަރަށް ބޮޑު އޮޅަކާއެކު ހުޅަނގުފަރާތުގައި އަދި އިރުމަތީބިތުގައި އޮންނަ ހިކިބިމެއްގެ މައްޗަށެވެ. އެހެންވީމާ، މީހުން އުޅޭ ސަރަޙައްދުން ރަށުގެ އިރުމަތިފަރާތަށް ރަށުގެ ދެކޮޅުން ނޫނީ ނުދެވެއެވެ. މީހުން ދިރިއުޅެނީ ހުޅަނގުފަރާތުގައެވެ. މިދަތިކަން ފިިލުވުމަށް އަލްމަރްޙޫމް އިބްރާހީމް މަގެއް ހިއްކެވިއެވެ. އެއީ މީހުންގެ މެދުގައި މަޝްހޫރު ވެފައި އޮންނަ އިބްރާހީމް ބެއްޔާ މަގާ މިހާރު “އިބްރާހިމީ މަގު” ކިޔާ މަގެވެ.

އިހުޒަމަނުއްސުރެ ދިރިއުޅެމުން އައި ގެ އަލުން އައުކޮށް ފޮޓޯތަކުން ފެންނަ ބޮޑެގެ ބިނާ ކޮށްފައި ހުރީ ލަކުޑިން ބިތްތައް ހަދައި ހުރަސްބިތް ރާނައި ހަތަރު ފުރާޅަށް ޓިނު ޖަހައިގެންނެވެ. އެއީ ބެލެވޭ ގޮތުގައި ބޮޑެގެ އަލުން ބިނާ ކުރެވުނީ 1950 އަހަރުތަކުގެ ކުރީކޮޅު ނުވަތަ މެދެއްހާތާގައެވެ.

ބޮޑެގޭ ދެކުނު ފަރާތުގެ ފެންޑާމަކީ އިބްރާހީމްބެއްޔާ މީހުންނާ ބައްދަލު ކުރައްވާ ތަން ކަމުގައިވިޔަސް ކުރެހުން އަޅާފައިވާ ބިތް ހަދާފައި ހުރީ އުތުރު ފަރާތަށް ބަދިގެ ފަރާތުގައެވެ. އެއީ ވަޑިންނަށް އެރި އޮޅުމަކުން ކަމަށް އަޅުގަނޑަށް ލަފާ ކުރެވެއެވެ. ދެކުނުފަރާތުގެ ފެންޑާމުގެ ތިރި ފާރުމަތިން ފުރާޅު ހިފެހެއްޓުމަށް ލިޔެފައިވާ ތޭރި ތަކެއް ހުރެއެވެ. ފަރާތެއްގައި ތިން ތޭރި ހުރެއެވެ.

އިބްރާހީމް ބެއްޔާ މީހުންނާ ބައްދަލު ކޮށްލެއްވުމަށް އިންނަނީ މި ފެންޑާމުގެ އިރުމަތީ ކޮޅުގައި ހުންނަ އުދޯއްޔެއްގައެވެ. ކުރިމަތީގައި ދެ ސަރަންފީ ގޮނޑި ހުރެއެވެ. ހުޅަނގު ކޮޅުގައި ދިގުގޮނޑިއެއް ބަހައްޓާފައެވެ. އުދޯލީގައި ހުންނަ އިބްރާހީމް ބެއްޔާ ދުފާފޮށްޓަކީ ހަމައެކަނި ދުފާފޮށްޓެއް ނޫނެވެ. އަތްމަތީ ފައިސާއާއި، މުހިންމު ނޯޓްފޮތްތައްވެސް ހުންނާނީ ދުފާފޮށީގައެވެ.

ގޭތެރޭގައި އިރުމަތީ ކޮޅުގައި ގޭގެ ހުރަސްމިނުގައި ބޮޑު އައްޓެއް ހުރެއެވެ. ބޮޑު އަށިމަތީގައި ބިތްދޮށުގައި ހުރަސް ފާރުކައިރީގައި ހުންނަނީ އަލަމާރިތަކެވެ. ދެން ހުންނަނީ ބޮޑެތި ފޮށިތަކެވެ.
ގޭގެ ދެކުނާއި އުތުރު ފަރާތުގައިވެސް ދެ ބޮޑު ދޮރު ހުރެއެވެ. ދެކުނު ފަރާތުގެ ހުޅަނގުކޮޅުގައި ހުންނަ ދޮރުން އޮޅިގަނޑު ގިރާކޮށް ވަންނައިރު ކަނާތްފަރާތުގައި ރީތި އެދެއް ހުރެއެވެ. އެ އެދުގެ ކުރިމަތީގައި ދިމާއެދު ހުރެއެވެ. މި ރީތި ދިމާއެނދުގައި ނިދުމުގެ ޝަރަފު އަޅުގަނޑަށް ލިބުނެވެ. ހުރަސްކޮޅުގައި ފަޑިއަޅައި މަދިރިގެ ދެމުމަށް އޮނިގަނޑެއް ހަދާފައި ހުންނަ މިއެދުގެ މަދިރިގެ އޮނިގަނޑުގެ ތަނބުތައް ހުންނަނީ ރީތި ވަނާ ތަކަކަށް ލިޔެފައެވެ.

ދެކުނުފެންޑާމުގެ ހުޅަނގު ދޮރުން ވަންނައިރު ވާތްފަރާތުގައި ހުންނާނީ ތިރި ގާފޮޅެއް. ލައި ފޭލި ގަނޑެއް ދަމައި ނިވާކޮށްފައެވެ. އެއީ އެތެރެގެއެވެ. އެތެރެގޭގައި ވެސް އުދޯއްޔަކާއި އެތެރާޑޭ އެދު ކިޔާ އެނދެއް ހުރެއެވެ. މިއީ އަންހެނުންނަށް ޚާއްޞަ ބަޔެވެ. އިބްރާހީމް ބެއްޔާގެ އަންހެނުން ދޮންދައިތާގެ އެކިއެކި އިންތިޒާމުތައް ހުންނާނީ އެތެރެގޭގައެވެ.

އުތުރު ބިތުގެ ހުޅަނގު ދޮރުން އުތުރު ފަރާތުގެ ފެންޑާއަށް ނުކުންނައިރު ވާތްފަރާތުގައި ފެންޑާމުގެ ހުޅަނގު ކޮޅުގައި އިބްރާހީމް ބެއްޔާގެ ކާމޭޒު ހުންނާނެއެވެ. އިރުމަތީ ކޮޅުގައި ހުންނާނީ އުދޯއްޔެކެވެ. ދެން ހުންނަނީ ދިގުގޮނޑި ތަކެވެ. މިއީ ބަދިގެ ފަރާތުގެ ފެންޑާމެވެ. ނުވަތަ އަންހެނުންގެ ފެންޑާމެވެ.

ގޯތީގެ އުތުރު އަދި އިރުމަތީ ފަރާތުގެ އިންފާރުގައި ޖައްސައިގެން ބިނާ ކޮށްފައި ހުންނަނީ ބަދިގެތަކާއި ގުދަން ތަކެވެ. އިރުމަތީ ބަދިގެ ކުރިމަތިން ބަދިގޭ ވަޅު ހުރެއެވެ. މަސް ކެޑުމާއި ކެއްކުމާއި ހިއްކުމާއި މަސް ގަތުމާއި ވިޔަފާރި ތައް ހިނގަމުން ދަނީ މި ހިސާބުގައެވެ. ބަދިގެ ތަކާއި ގުދަންތަކުގައި އެއްކޮޅުން އަނެއްކޮޅަށް ފެންޑާމެއް އޮވެއެވެ.

އެތެރެފައްތާ ނުވަތަ ހިނާ ވަޅު ހުންނަނީ ގޭގެ ހުޅަނގު ކޮޅުގައި ގޭގެ ފުޅާމިނުން ދެކޮޅު ބައްދައި މަގު ފާރާއެކު ނިވާ ކޮށްފައިވާ ސަރަޙައްދުގައެވެ.

މިކަހަލަ ވަޅުޖަހަމުންދާ މަޢްލޫމާތުން ޞަފްޙާއެއް ލިޔެލުމަކީ މިޒަމާނުގެ ޒުވާނުންނާއި ކިޔަވާ ކުދިންނަށް ދެވޭ ހަދިޔާއަކަށް ނޫނީ ނުވާނެކަމަށް ޤަބޫލުކޮށް އަދި އިރާދަކުރެއްވިއްޔާ މިކަހަލަ އެހެން މަޢްލޫމާތު ކޮޅަކާއި ވާހަކައެއް ކިޔައި ދިނުމުގެ އުއްމީދުގައި އެބަހުރީމެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. Viligiyyaky dhekunugai tharykheh oi rasaheh, ekan dhuvasvy beybey kalunge faraathun, mauloomathu hoadhai, ekan haama kohdhinun nuhanu beynuntheri.