ހއ. ދިއްދޫ ބަނދަރު ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއިން ވިދާޅުވި، ދިއްދޫ ބަނދަރު ބޮޑުކޮށް ފުޅާ ކުރުމުގެ މަޝްރޫއުގެ ދަށުން ޖެޓީ ހެދުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 62 އިންސައްތަ ނިމިފައިވާ ކަމަށެވެ.
މިމަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަހައްްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 58 މީޓަރުގެ ގްރޮއިންސް ޖެހުމާއި، 185 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 326 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 4،320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، 02 ކޮންކްރީޓް ޕްލެޓްފޯމް ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ، މި މަޝްރޫޢު އަކީ 87.69 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. އަދި މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސް ތެރޭގައެވެ.

