ކުރީގެ ރައީސް އަބްދުﷲ ޔާމީން ގއ.ވިލިގިއްޔަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ހާމަކޮށްފިއެވެ.
އިދިކޮޅުން ހާމަކުރި ގޮތުގައި ކުރިޔަށް އޮތް ހަފްތާ ބަންދާއި ދިމާކޮށް ރައީސް ޔާމީން ވިލިގިއްޔަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާތީ އެއަތޮޅުގެ އެހެންރަށްތަކުގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުން ވިލިގިއްޔަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިދަތުރުފުޅަކީ އިދިކޮޅުން ރާވާ ހިންގަމުން ގެންދާ “އިންޑިޔާ އައުޓް” ކެމްޕެއިންގެ ދަށުން ކުރެވޭ ދަތުރެކެވެ. ކެމްޕެއިން ހަރަކާތްތަކުގައި ގއ.އަތޮޅުގެ ގިނަ ރަށްތަކުން އިދިކޮޅު ސަޕޯޓަރުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ކުރިޔަށް ގެންދާ ހަރަކާތްތަކެކެވެ. އެހެންކަމުން އަންނަ ހަފްތާ ބަންދުގައި ގއ.ވިލިނގިލީގައި “އިންޑިޔާ އައުޓް” ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދެވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެންނެވެ.
އިދިކޮޅުން ހިންގާ އިންޑިޔާ އައުޓް ކެމްޕެއިން ހުއްޓުވުމަށް އެމްޑީޕީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެފަދަ ކެމްޕެއިންތަކުގައި ބައިވެރިވުމަކީ ޖިނާއީ ކުށަކަށް ހަދަން ބިލެއް ޑްރާފްޓް ކުރުމަށްފަހު އެބިލް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ދަނީ މަސައްކަތް ކުރަމުންނެވެ.