މަސްވެރިންނަށް ވިއްކަމުންދާ ތެޔޮ އަގުބޮޑުކުރުމާއި ގުޅިގެން މަޑަވެލި ކައުންސިލުން އެކަން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފިއެވެ.
މަޑަވެލި ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަސްވެރިންނަށް ހަމައަގު ހޯދައިދޭޏެ ކަމަށް ބުނެ މަސް ކިލޯއަކުން 1 ރުފިޔާ ބޮޑުކޮށް، އަދި މަސްވެރިންނަށް ވިއްކަމުންދާ ތެޔޮ އަގުބޮޑު ކުރުމަކީ މަސްވެރިންނަށް ކުރި ފުރައްސާރައެއް ކަމަށް އެކައުންސިލުން ދެކޭ ކަމަށެވެ.
ކައުންސިލްގެ ބަޔާނުގައި ބުނީ، މަސްވެރިންނަށް ވިއްކާ ތެޔޮ އަގުބޮޑު ކުރުމަކީ އެކަމުގެ ސަބަބުން މަޑަވެލީގެ މަސްވެރިންނާއި ރާއްޖޭގެ އެތައް މަސްވެރިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމުގައި ދެކޭތީވެ އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، މަސްވެރިންނަށް ހައްގުވާ އަގު ހޯދައިދީ އަދި މަސްވެރިންނަށް ވިއްކަމުންދާ ތެޔޮ އަގުހެޔޮކުރުމަށް ކަމާއިބެހޭ މުވައްސަސާތަކާއި ސަރުކާރުން އެކައުންސިލުން ގޮވާލާ ކަމަށެވެ.
މަޑަވެލި ކައުންސިލުން މަސްވެރިންނަށް ވިއްކާ ތެލުގެ އަގުބޮޑުކުރި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން މިފްކޯއިން ވަނީ މަސްވެރިންނަށް ދޫކުރާ ޑީސަލްގެ އަގު ބޮޑުކޮށްފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުންދާ މިދަނޑިވަޅުގައި މިފްކޯއިން ވިއްކާ ޑީސަލްގެ އަގަށް މިއަހަރު ބަދަލު ގެނައި މިއީ ދެވަނަ ފަހަރެވެ. އެގޮތުން މިއަދުން ފެށިގެން މިފްކޯއިން މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 14.44ރ. އަށެވެ. އަދި އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 17.10ރ. އަށެވެ.
މިވަގުތު ދުނިޔޭގެ ބާޒާރުގައި ބްރެންޓް ކްރޫޑްގެ ސާފު ނުކުރާ ތެޔޮފީފާއެއް އުޅެނީ 118 ޑޮލަރުގައެވެ.


މޮޔަފުޅުވީތޯ، ދުނިޔޭގެ ބާޒާރުގަ ތެޔޮއަގު ބޮޑުވަނީ މިސަރުކާރުން ކުރީމަތޯ، ވިސްނުން ހަމަކޮށިވީ އެވެ.