އުރީދޫ މަސްރޭހުގައި ބައިވެރިވެގެން އަގުބޮޑު ފައިސާގެ އިނާމް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.
އުރީދޫން ވިދާޅުވި ގޮތުގައި މިއީ އުރީދޫން ބާއްވާ މަސްރޭހުގެ 11 ވަނަ ސީޒަނެވެ. މިސީޒަންގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކަށް މިއަދުން ފެށިގެން މިވަނީ ފުރުސަތު ހުޅުވާލާފައެވެ.
ކޮންމެ އަހަރަކުވެސް ރަމަޝާންމަހާއި ގުޅުވައިގެން ބާއްވާ އުރީދޫ މަސްރޭސްގައި ބައިވެރިވެވޭނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް އުރީދޫން ވަނީ ހާމަކޮށްފައެވެ.
މަސްބޭނުމުގެ ރޭހަކީ މިހާތަނަށް ދިވެހިންގެ ވަރަށް ތަރުހީބު ލިބިފައިވާ މުބާރާތެކެވެ. ރައްޓެހިންނާއި އާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ ރައްޓެހިންނާއިއެކު ޓީމް ހަދައިގެން އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް މިއީ ރަނުގެ ފުރުސަތެކެވެ.
މުޅި ރޯދަމަހަށް ބަހާލެވިގެން ކުރިޔަށް ގެންދާ މި މުބާރާތަކީ އާއްމުކޮށް ފަރު މަސް ބާނާ މުބާރާތެކެވެ.
އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މިމުބާރާތް މެދުކެނޑިފައި އޮންނަތާ ދެއަހަރަށް ފަހު ރައްކާތެރި މާހައުލެއްގައި އުރީދޫ މަސްރޭސް 2022 ބާއްވަން ތައްޔާރީތައް ވަމުންދާ ކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މިފަހަރުގެ މުބާރާތުގައި ވަނަ ވަނައަށް ހޮވޭ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާމްތަކަށް ބަލާލާއިރު:
- އެއްވަނަ ހޯދާ ޓީމަށް 50،000 (ފަންސާސް ހާސް ) ރުފިޔާ
- އެންމެ ގިނަ މަސް ބޭނި “މުބާރާތުގެ މަސްވެރިޔާ” އަށް 5000 (ފަސް ހާސް ) ރުފިޔާ އާއި ރަންކޯރި
- އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 (ފަސް ހާސް) ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
މިއަހަރު ރަމަޝާންމަހުގެ ފަހުދިހައިގެ ދުވަސްތައް ފިޔަވައި، ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގައި މަސްރޭސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ފައިނަލް އޮންނާނީ 1 މެއި 2022 ވަނަ ދުވަހުގައި ކަމަށް އުރީދޫން ވަނީ ހާމަކޮށްފައެވެ.
މަސްރޭސް އޮންނަ ދުވަސްތަކުގައި މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބު ކުރި ފަރާތްތަކަށް އިނާމް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން ވަނީ ދައުވަތު އަރުވާފައެވެ.
މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 23 މާރިޗް 2022 ގެ ކުރިން އުރީދޫ މޯލްޑިވްސް ވެބްސައިޓްގައިވާ ޕޯޓަލް މެދުވެރިކޮށް ރެޖިސްޓަރ ވެވޭނެއެވެ.
މަސްރޭހުގައި ބައިވެރިވެލެއްވުމަށް: https://www.ooredoo.mv/masrace ލިންކަށް ޒިޔާރަތްކޮށްލައްވާ!