ކުރިއަށް އޮތް ރޯދަމަހު ސްކޫލުތަކުގައި ކިޔަވައިދޭނީ ތިން ގަޑިއިރުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ރޯދަމަހުގައި ސްކޫލްތަކުގައި ކިޔަވައިދޭ ގަޑިތަކަށް ބަދަލުގެނެސް، އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވާ ގޮތުން އެއް ދަންފަޅިއަށް ކިޔަވަދޭ ސްކޫލްތަކުގެ ކިޔެވުން ހެނދުނު 8:30-9:00 އާ ދޭތެރޭގައި ފެށުމަށެވެ. އަދި ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައް ވެސް ހެނދުނު 8:30-3:00 އާ ދެމެދު ފެށުމަށެވެ.
އެ ސާކިއުލާގައިވާ ގޮތުން އެލްކޭޖީ-ޔޫކޭޖީގެ ދަރިވަރުންނަށް ސްކޫލްގައި އެންމެ ގިނަވެގެން ކިޔަވައިދޭނީ ދޮޅުގަޑިއިރަށް ކަމަށާއި ޕްރައިމަރީ ގްރޭޑްގެ ދަރިވަރުންނަށް ދެ ގަޑިއިރާ 30 މިނެޓެވެ. އަދި ސެކަންޑަރީ އާއި ހައި ސްކޫލްގެ ދަރިވަރުންނަށް ރޯދަ މަހު ކިޔަވައިދެވޭނީ ތިން ގަޑިއިރަށް ކަމަށްވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.
މީގެ އިތުރުން މާއްދާއަކަށް 30 މިނެޓާއި 45 މިނެޓް ހޭދަކުރުމަށާއި ދެ ހަފްތާއިން ހުރިހާ މާއްދާތަކެއް ނެގޭ ގޮތަށް ޓައިމްޓޭބަލް އެކުލަވާލުމަށްވެސް އެސާކިއުލާގައި ބުނެފައިވެއެވެ. އަދި ޓީޗަރުންގެ މަސައްކަތުގެ ވަގުތުވެސް ހަތަރު ގަޑިއިރަށްވުރެ ދިގު ނުވާނެ ގޮތަށް ހަމަޖެއްސުމާއެކު ހަވީރު ހަތަރަކުން ރޭގަނޑު ނުވަޔަކަށް ސުކޫލުގެ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށްވެސް ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ވަނީ ބުނެފައެވެ.