ރޯދަމަސް އައިސް ބޯމަތިވީއެވެ. ސަގާފަތުގައި އޮންނަ އުސޫލުން، ރޯދަ މަހަކީ ކެއުން ބުއިމަށް ތަފާތު ބޮޑެތި ބަދަލު ތަކެއް ގެނެސް، ކޮންމެ ގެއެއްގައިވެސް ރޯދަ ވީއްލުމަށް ތަފާތި އެކި ބާވަތްތަކުގެ މީރު ކާތަކެތި ތައްޔާރު ކުރާ މަހެކެވެ. ރޯދަ މަސް ކައިރިވުމުން ކައްކާ ފޮތް ގަތުމާއި، އިންޓަނެޓުގެ ޒަރިއްޔާއިން އެކިވައްތަރުގެ ކާނާ ތައްޔާރުކުރާގޮތް ހޯދާ ދަސް ކުރާ މީހުން މަދެއް ނޫނެވެ. އަދި، ތައްޔާރު ކުރާނެ ބާވަތް ނޭނގި ގޮތް ހުސްވެގެން ތިބޭ މީހުންވެސް ކިތަންމެހާވެސް ގިނައެވެ. އެފަދަ މީހުންނަށް މިލިޔުމަކީ އެހީއަކަށް ވެގެން ދާނެ ކަމަށް ގަބޫލު ކުރެވެއެވެ.
އެގޮތުން މި ލިޔުމުގައި ރޯދަ މަހުގެ ސުފުރާ މަތި ފަޅުފިލުވާލާއި، އަނގަޔަށް މީރު ކޮށްލުމަށް ރަނގަޅު ބާވަތެއް ތައްޔާރު ކުރާނެ ގޮތް ހިމަނާލާނަމެވެ. ޗިކަން ކޯޑަން ބްލިއު އަކީ ރޯދަ މަހު ރޯދަ ވީއްލުމަށް އަދި ރޭގަނޑުގެ ކެއުމުގެ އިތުރުން ހާރު ކެއުމަށްވެސް ބޭނުން ކުރެވިދާނެ ރަނގަޅު މީރު އެއްޗެކެވެ.
ޗިކަން ކޯޑަން ބްލިއު ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:
- 500ގ ބޯންލެސް ޗިކަން ބްރެސްޓް
- 1 ދަޅު ލަންޗަން މީޓް
- 1 ޕެކެޓް މޮޒަރެއްލާ ޗީޒް
- 2 ޖޯޑު ބްރެޑް ކްރަންބްސް
- 1 ޖޯޑު ކޯންފްލާރ
- 1 މޭޒުމަތީ ސަމުސާ ލޮނުމެދު (ޗަސްކޮށްފައިހުރި)
- 1 މޭޒުމަތީ ސަމުސާ ފިޔާ (ޗަސްކޮށްފައިހުރި)
- 1 ސައިސަމުސާ އަސޭމިރުސް
- ލޮނު (ރަހަލާވަރަށް)
- 2 ބިސް
- 1 ރޯލް ފުޑް ރެޕް
ތައްޔާރުކުރާނެ ގޮތް:
ޗިކަން ބްރެސްޓްތައް ތުނިކޮށް ފޮތިކުރުމަށްފަހު ލޮނު، އަސޭމިރުސް، ލޮނުމެދު އަދި ފިޔާކޮޅު ފޮތިކުރި ކުކުޅު ތަކުގައި ރަނގަޅަށް އުނގުޅާލާށެވެ. އެއަށްފަހު ފުޑް ރެޕްކުރާ ޝީޓެއްގައި މި ޗިކަން ފޮތި ބޭއްވުމަށްފަހު މީގެ މަތީގައި މޮޒަރެއްލާ ޗީޒް ސްލައިސް އެއް އަދި އޭގެ މަތީގައި ލަންޗަން މީޓް ފޮއްޗެއް ބާއްވާށެވެ.
އެއަށްފަހު ފުޑް ރެޕް އާއެކު ކުކުޅުކޮޅު ބާރަށް އޮޅާލުމަށްފަހު ފްރިޖްގައި 30 މިނެޓް ވަންދެން ބާއްވާލަން ވާނެއެވެ.
އެއަށްފަހު ޗިކަން ރޯލްތައް ފުޑް ރެޕުން ނެގުމަށްފަހު ކޯންފްލާރ ކޮޅެއް ލުމަށްފަހު ގިރާފައި ހުރި ބިސް އެއްޗަކަށް ލާށެވެ. އަދި ބްރެޑް ކްރަންބްސް ޗިކަންކޮޅުގެ ބޭރުގައި ރަނގަޅަށް ހާކާލާށެވެ. އަދި މި ކުކުޅު ރޯލްތަކަށް ރަން މުށިކުލަ އަރަންދެން ތެއްލާލާށެވެ.
ފްރައިޑް ރައިސް ނުވަތަ މޭޝް ޕޮޓޭޓޯއާއެކު ކާލަން ވަރަށް މީރުވާނެއެވެ.

