އަވަށްޓެރި ސްރީ ލަންކާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި ތިބި ދިވެހި ކިޔަވާ ކުދިންނާއި ދިވެހި އާއިލާތަކަށް ދަތިތަކާ ކުރިމަތިވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމުން އެބިލަށް ބަހުސްކުރުމަށް ފާހެއް ނުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ވަނީ ތަޅުމުން ބޭރުކޮށްފައެވެ.
ލަންކާގައިތިބި ދިވެހި އާއިލާތަކަށް ދިމާވަމުންދާ ދަތިތަކާއި ބެހޭ ގޮތުން ވާޙަކަ ދައްކަން މަޖިލިސް މެމްބަރުން ބޭނުމެއް ނުވިއެވެ.
ލަންކާގެ އިޤްތިސާދީ އަދި އާންމު ހާލަތު ގޯސްވުމާއި ގުޅިގެން ލަންކާގައި މުޒާހަރާކޮށް ހަމަނުޖެހުންތައް ދަނީ ހިންގަމުންނެވެ. މިހަމަނުޖެހުންތަކުގެ ސަބަބުން ލަންކާގެ ރައްޔިތުންނާއި ލަންކާގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ކިޔަވާ ކުދިން ދަނީ ގިނަ ދަތިތަކާއި ކުރިމަތިލަމުންނެވެ. އެގޮތުން ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތައް މެދުކެނޑި، އެ ގައުމުގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ.
ލަންކާއަކީ ގިނަ އަދަދެއްގެ ކިޔަވާ ކުދިންނާ އަންހެނުންނާއި ގިނަ އަދަދެއްގެ އާންމުން ދިރިއުޅޭ ގައުމަކަށްވެފައި، ލަންކާގެ ހާލަތު ގޯސްވުމުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ކެއުން ބުއިމަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ކަރަންޓު ނެތުމުގެ ސަބަބުން ލިބޭ މަދު ކާއެތިކޮޅު ފަހަށް ރައްކާ ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އަދި މިނޫނަސް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. މިފަދަ ހާލެއްގައި ރޯދަމަހަކު ދިވެހި އާއިލާތައް ތަހައްމަލް ކުރަންޖެހޭ ވޭންތައް އިތުރެވެ.
އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލައިގައި ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ވަކިވަކިން، ދުވަހުން ދުވަހަށް މޮނިޓަ ކުރުމަށާއި ކުރިމަތިވެފައިވާ ދަތިތަކާއި ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ ދިވެހިންގެ ހައްގުގައި އަވަހަށް ފިޔަވަޅު އެޅުމަށް ވެސް ކުއްލި މައްސަލައިގައި ސަރުކާރަށް ގޮވާލާފައިވެއެވެ.
އެހެންނަމަވެސް މިމައްސަލައަށް މަޖިލީހުގައި ބަހުސްކުރަން ފާހެއް ނުވިއެވެ.