މަޑަވެލީގެ އެކި ސަރަހައްދުތަކުގައި ދީނީ ޝިޢާރުތަކެއް ލިޔެފައިވާ ކެންވަސް ތަކެއް އާންމުންނަށް ފެންނަހެން ހަރުކޮށް ބެހެއްޓުމުގެ މަސައްކަތް ކައުންސިލުން މިއަދު ފަށައިފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މަޑަވެލީ ކައުންސިލް ވަގުތީގޮތުން ހިންގެވުމާއި ޙަވާލްވެ ހުންނެވި މަޑަވެލީ ނައިބު ރައީސާ ފަސީހާ ޝަފީގް ވިދާޅުވީ ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ދީނީ ތަފާތު ލިޔުންތައް ބެހެއްޓުމުގެ މަސައްކަތް ކައުންސިލުން ކުރަމުން ދަނީ ދީނީ ގޮތުން ރައްޔިތުން ހޭލުންތެރިކަން އިތުރުކޮށް މި މައްސަރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ބާރު އެޅުމުގެ މަޤުޞަދުގައި ކަމަށެވެ.
ނާއިބު ފަސީހާ ވިދާޅުވީ މިހާރު 12 ސަރަހައްދުގައި ލިޔުންތައް ހަރުކުރެވިފައި ވާނެ ކަމަށާއި އަދިވެސް އިތުރަށް މިމަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ.
މަޑަވެލީގެ އެކި ސަރަހައްދުތަކުގައި ދީނީ ޝިޢާރުތަކެއް ހަރުކުރުމުގެ މަސައްކަތް ޢަމަލީ ގޮތުން ކުރައްވަނީ ކައުންސިލަރުންގެ އިތުރުން މަޑަވެލި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އެވެ.
މަޑަވެލީ ކައުންސިލުން ވަނީ އެރަށުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ކަންތައްތަކެއް ހިންގުމަށް ރާވާފައެއެވެ.
މަޑަވެލީ ކައުންސިލުން މިއަދުވަނީ ޤުރުއާން ކިޔެވުމުގެ ޕްރޮގްރާމެއްވެސް ފަށައިފައެވެ. މަޑަވެއްޔަށް ނިސްބަތްވާ 13 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް މިއަދު ފެށި ޕްރޮގްރާމަކީ ކައުންސިލް ގެ ޕޭޖް މެދުވެރިކޮށް ވީޑިއޯ ކްލިޕެއްގެ ގޮތުގައި އެކުދިންގެ ކިޔެވުން ދައްކާލުމުގެ ފުރުސަތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި ވީޑިއޯ ފޮނުވާ ކުދިންގެ ތެރެއިން ކޮންމެވެސް 10 ކުއްޖަކުގެ ކިޔެވުން ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ފުރުސަތަށް ބޭނުންވާ ފޯމް ކައުންސިލް ޕޭޖްގައި އިންނާނެކަމަށްވެސް ކައުންސިލުންވަނީ ހާމަ ކޮށްފައެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރޯދަ މަހުގެ ނިޔަލަށެވެ.

