އުމްރާގެ އަޅުކަމުގައި އުޅެނިކޮށް އިއްޔޭ ރޭ ފަތިހު ކުއްލި ގޮތަކަށް ނިޔާވި އޭދަފުށީ، މާބަގީޗާގޭ އަބޫބަކުރު ހަސަން (ބަކުރުބޭ) ގެ މައްޗަށް، މަސްޖިދުލް ހަރަމްގައި ކަށުނަމާދު ކޮށްފިއެވެ.
މައްކާގެ މަސްޖިދުލް ހަރަމްގައި ބަކުރުބޭގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ ރޭގެ ފަތިސް ނަމާދަށް ފަހު އެވެ.
އިއްޔެ ރެއަކީ ރަމަޟާންމަހުގެ 27 ވިލޭރޭ ކަމަށް ވުމުން، އެރޭގެ އަޅުކަމުގައި އަދި ފަތިސް ނަމާދުގައިވެސް ދެ މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް މައްކާގެ ރަސްމީ ޚަބަރު ފަތުރާ ވަޞީލަތްތަކުން ބުނެއެވެ. ލަފާކުރެވޭ ގޮތުން ބަކުރުބޭގެ މައްޗަށް ކުރެވުނު ކަށުނަމާދުގައިވެސް އެއަދަދަށް މީހުން ބައިވެރިވެފައި ވެއެވެ.
ހަރަމްފުޅުގައި އިއްޔެރޭ ފަތިސް ނަމާދަށްފަހު އޮތް ޖަނާޒާގައި ހަތަރު މީހެއްގެ ކަށު ނަމާދު ކުރެވުނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުން، އުމްރާއަށް ގޮސް ތިބި ހުރިހާ ދިވެހިންނާއި އުމުރާއަށް ގޮސްތިބި ހުރިހާ އާއިލާގެ މެމްބަރުން، ބަކުރުބޭގެ ޖަނާޒާގައި ވަނީ ބައިވެރިވެފައެވެ.
އޭދަފުށި ޓައިމްސް އިން މައުލޫމާތު ދީފައިވާގޮތުން، ބަކުރުބޭ ނިޔާވީ އޭގެ ކުރީ ރޭ ފަތިސް ނަމާދަށް ފަހު ކުއްލިއަކަށް މެޔަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ގެންދަން އުޅެނިކޮށެވެ. އަބޫބަކުރުގެ ފިރިހެންދަރިފުޅު އޭނާއާއި އެކު އުމްރާއަށް ގޮސްފައިވާއިރު، ދަރިފުޅު ލިސާން އަބޫބަކުރަށް ހަވަލާދީ އޭދަފުށި ޓައިމްސްގައި ބުނެފައިވަނީ، އުމްރާއަށް ދެވުމުން ބައްޕަ ހުރީ ވަރަށް އުފަލުން ކަމަށެވެ. ލިސާން އިތުރަށް މަޢުލޫމާތި ދީފައިވާގޮތުގައި، ދީނީ ކަންތައްތަކަށް ސަމާލުކަން ދިނުމަށާއި، ހެޔޮ ކަންތައްތަށް ކުރުމަށް ބައްޕަ ދުނިޔޭގައި ހުންނެވި އިރު ބާރުއެޅުވި ކަމަށެވެ.
އޭދަފުށި ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުން، އަބޫބަކުރު މީގެ ކުރިން 3 ނުވަތ 4 ފަހަރު އެކި ދަރިންނާއި އެކު އުމްރާއަށް ގޮސްފައި ވީނަމަވެސް، މިއީ ބަކުރުބޭ ބޭނުންވި ގޮތަށް ހުރިހާ ދަރިންނާ އެކު ދިޔަ އުމްރާ އެވެ.

ބަކުރުބޭ އުމުރާއަށް ފުރުމުގެ ކުރިން ދަރިންނާއިއެކު ނަގާފައިވާ ފޮޓޯއެއް- ފޮޓޯ އޭދަފުށި ޓައިމްސް
ބަކުރުބެ ނިޔާވުމުގެ ކުރިން އޭނާގެ އެންމެ ބޮޑު އެދުމަކަށްވީ ވެސް އޭނާގެ ހުރިހާ ދަރިންނާއެކު އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމެވެ.
ކުރިން މަސްވެރިކަން ކުރުމުގައި އުޅުނު ބަކުރުބެއަކީ އޭދަފުށީގެ ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ މީހެކެވެ.
ބަކުރުބޭގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު، އޭދަފުށީ މަސްޖިދުލް ސުލްޠާން މުހައްމަދު މުއީނުއްދީން (ބޮޑު މިސްކިތް) ގައި ވެސް ކުރިޔަށް ގެންދެވިފައިވެ އެވެ.

