ގދ.މަޑަވެލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިސްނަގައިގެން ބާއްވާ ” ލޫޅާފަތި ހަށިގަނޑަކަށް ކަސްރަތް” ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މަޑަވެލީ ޑަބްލިޔުޑީސީ އާއި ފުލުހުން ގުޅިގެން 21 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 15 ވަނަ ދުވަހުގައެވެ.

ފޮޓޯ: މަޑަވެލީ ޑަބްލިޔުޑީސީ
މިޕްރޮގްރާމާއި ބެހޭގޮތުން ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ޑަބްލިޔުޑީސީގެ ރައީސާ ނަދީމާ ތައްޚާން ވިދާޅުވީ މިޕްރޮގްރާމަކީ ދެޖިންސުގެ މީހުންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދޭ ކަސްރަތު ޕްރޮގްރާމެއް ކަމަށާއި މަޑަވެލީގެ އިތުރުން ހޯޑެއްދޫ މީހުންނަށްވެސް މިޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
“ލޫޅާފަތި ހަށިގަނޑަކަށް ކަސްރަތް” ޕްރޮގްރާމުގައި ބައިވެރިވެ ހަށިގަނޑު ދުޅަހެޔޮ ސިއްޚަތެއްގައި ބަހައްޓަން ބޭނުންފުޅުވާ ފަރާތްތަކުން ފުރިހަމަ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯން ނަންބަރު 9636424 / 9553057 / 7857789 އަށް މެސެޖް ކުރުމަށް ވަނީ އަންގާފައެވެ.
މަޑަވެލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަކީ ރަށުގެ ޒުވާނުން ކުރިއަރުވައި ރަށަށް ތަރައްޤީ ގެނުވަން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ބަޔެކެވެ. އެގޮތުން ޒުވާނުންނާއި މުސްކުޅިން ހިމެނޭހެން ދުޅަހެޔޮ ސިއްޚަތެއް ދަމަހައްޓާ އެކިއެކި ކަންތައްތަކުގައި ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް މަޑަވެލީ ޑަބްލިޔުޑީސީން ދަނީ ކުރަމުންނެވެ.

