ތިރީގައި ނަކަލުކޮށްލެވިފައި އެވަނި ޗައިނާގެ އިހުގެ ފަލްސަފާވެރިއެއް ކަމަށްވާ ކޮންފިޔޫޝަސްގެ ބަސްކޮޅެކެވެ. ކޮންފިޔޫޝަސް ދުނިޔޭގައި އުޅުނީ މީލާދުގެ ކުރީގެ ފަސްވަނަ ގަރުނު ހިސާބުގައެވެ. ދުނިޔެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވި ފަސް ޝަޚުސިއްޔަތުގެ ތެރޭގައި ކޮންފިޔޫޝަސް ހިމެނެއެވެ.
އޭނާގެ ފަލްސަފާ ބިނާވެފައި އޮތީ ދެކަމެއް މައްޗަށެވެ. ފަރުދީ ރިވެތި އަޚުލާގު ލިބިގަތުމާއި އާންމުންނަށް ޚިދުމަތްދޭ އަޚުލާގީ ރީތި ގޮތުގެ މިސާލު ދައްކައިދޭ ސަރުކާރުގެ މައްޗަށެވެ. އޭނާގެ ފަލްސަފާ ޗައިނާގެ މީސްތަކުންގެ ހަޔާތާއި ސަގާފަތުގެ މައްޗަށް ދެހާސް އެތައް އަހަރެއް ވަންދެންކުރިއެވެ.
1. އަހަރުމެންނަކީ އުފަލުގައި އުޅޭ ބައެއްކަން، އަހަރުމެންގެ އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތްކުރާ ވަރަށް ވުރެ މާ ބޮޑަށް އެހެން މީހުންނަށް އެކަން ދައްކަން އަހަރުމެން މަސައްކަތްކުރެއެވެ.
2. ސިއްހަތު ސަލާމަތުން ހުންނަ މީހާ އެތައް ހާސް އެއްޗެއް ބޭނުން ވެއެވެ. ނަމަވެސް، ބަލި މީހާ ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ.
3. ކަލޭގެ ފުރަގަހުގައި، ކަލެއާ ދިމާއަށް، މީހުން ކުޅު ޖަހަން އުޅޭ ކަމަށް ވާނަމަ، އޭގެ މާނައަކީ ކަލޭ ވަނީ އެ މީހުންނަށް ވުރެ ކުރީގައެވެ.
4. މީހަކު ބުނަން ބޭނުންވާ ވާހަކަ، އޭނާގެ ހަނުހުރުމަށް ވުރެ ހެޔޮ ނޫން ނަމަ، އޭނާ ހަނުހުރުން މޮޅު އިތުރުވެގެން ވެއެވެ.
5. މުސްތަގުބަލު އޮންނާނޭ ގޮތް ކަނޑައަޅާލަން ބޭނުން ނަމަ، މާޒީ ދަސްކުރާށެވެ.
6. ހަޔާތަކީ ވަރަށް ވެސް ސާދީ ސީދާކޮށް އޮންނަ ކަމެކެވެ. ނަމަވެސް، އަހަރުމެން އަމިއްލައަށް އެކަން މަސްހުނިކޮށްލައި އޮޅުން ބޮޅުންކޮށްލަނީއެވެ.
7. ހަޑޫ މުޅިއެއް މީހަކަށް ދޭށެވެ. އޭރުން އޭނާއަށް ދެތިން ދުވަހަށް ކާން ދެވޭނެއެވެ. ނަމަވެސް، އޭނާ އަމިއްލައަށް ހަނޑޫ ހައްދާނޭ ގޮތް ދަސްކޮށްދީފި ނަމަ، އޭނާގެ ފުރާނަ ސަލާމަތްކޮށްދެވުނީއެވެ.
8. ކުރިއަށް ހިނގުން ހުއްޓާ ނުލާ ނަމަ، ކިތަންމެ މަޑުން ހިނގާފައި ކުރިއަށް ދިޔަ ނަމަވެސް މައްސަލައެއް ނެތެވެ.
9. އަހަރުމެންނަށް ދެ ހަޔާތް ލިބިގެން ވެއެވެ. އަހަރުމެންގެ ދެވަނަ ހަޔާތް ފެށެނީ އަހަރުމެންނަށް ލިބިގެންވަނީ އެންމެ ހަޔާތެއްކަން އިހުސާސުވުމުންނެވެ.
10. ކަމެއް ކުރާނޭ ގޮތް އަހަންނަށް ކިޔައިދީފި ނަމަ، އަހަރެން ހަނދާން ނެތިދާނެއެވެ. އެކަން ކުރާނޭ ގޮތް އަހަންނަށް ދައްކައިފި ނަމަ، އަހަރެން ހަނދާނުގައި އެކަން ހަރުލާ ހުރެދާނެއެވެ. ނަމަވެސް، އަހަރެން ބައިވެރިކޮށްގެން އެކަން އަހަންނަށް އޮޅުން ފިލުވައިދީފި ނަމަ، އަހަންނަށް ވިސްނޭނެއެވެ.
11. ހަގިގީ އިލްމުވެރިކަމަކީ އެނގޭކަންކަމާއި ނޭނގޭ ކަންކަމަކީ ކޮބައިކަން އެނގުމެވެ.
12. ކަލެއާ ދޭތެރޭ މީހުން ކަންތައް ކުރަން ނޭދޭ ގޮތަކަށް، އެމީހުންނާ ދޭތެރޭ ކަލޭ ކަންތައް ނުކުރާށެވެ.
13. އެހެން މީހުންގެ ނަފްސުގެ ތެރޭގައި އޮންނަ ނުބައިކަންކަމަށް ހަމަލާދިނުމުގެ ބަދަލުގައި ކަލޭގެ އަމިއްލަ ނަފްސުގެ ތެރޭގައިވާ ނުބައިކަންކަމަށް ހަމަލާދޭށެވެ.
14. މީހަކަށް ދޮގު ތައުރީފުކޮށް ޚުޝާމަދުކުރާ މީހަކީ އޭނާގެ ދުޝްމަނެކެވެ. މީހެއްގެ ހުރި އުނިކަންކަން އޭނާއަށް ބުނެދޭ މީހަކީ އޭނާ ބިނާކުރާ މީހާއެވެ.
15. ފަރުބަދައެއް ގުޑުވާލާ މީހާ އެ މަސައްކަތް ފަށަނި ކުދި ކުދި ގާކޮޅުތައް އުފުލައިގެންނެވެ.
16. ނަފުރަތު ކުރުމަކީ ދާދި ފަސޭހަކަމެވެ. ލޯބިކުރުމަކީ އުނދަގޫކަމެވެ. ދުނިޔޭގެ ކަންކަން ހިނގާ މަގަކީ މިއެވެ. ހުރިހާ ރަނގަޅު ކަމެއް ވެސްހާސިލުވަނީ އުނދަގުލުންނެވެ. ނަމަވެސް، ހުރިހާ ނުބައި ކަމެއް ވެސް ފަސޭހައިން ހާސިލުވާ ގޮތް ވެއެވެ.
17. އެންމެ ހެއްވާ މަޖާ ބަޔަކީ އެންމެ ހިތާމަވެރި މީހުންނެވެ.
18. ރަނގަޅު ގޮތަކީ ކޮބައިކަން އެނގި އެގޮތަށް ކަންތައް ނުކުރުމަކީ އެންމެ ފިނޑި މީހުންގެ ގޮތެވެ.
19. ކަލޭގެ ހަޔާތް ތަރުތީބެ އެކެލެވިގެން ދަނީ ކަލޭގެ ޚިޔާލާތާއި ފިކުރުކުރުންތަކުގެ މައްޗަށެވެ.
20. ކަލޭގެ އަމާޒާ ހަމައަށް ވާސިލު ނުވެވޭނެހެން ހީވުމުން، ކަލޭގެ އަމާޒަށް ބަދަލު ގެންނަން ނޫޅޭށެވެ. ކަލޭގެ އަމާޒަށް ވާސިލުވުމަށްޓަކައި އަޅަމުންދާ ކަލޭގެ އަމަލީ ފިޔަވަޅުތަކަށް ބަދަލުގެންނާށެވެ.
21. ލަދުވެތި ކަމެއް ނެތް މީހާ އެއްޗެއް ބުނަން ބޭނުންވާ އިރު، ރީތިކޮށް އެ އެއްޗެއް ބުނާނޭ ބަސްތަކެއް އޭނާއަކަށް ނުލިބޭނެއެވެ.
22. ބަދަލު ހިފުމުގެ ދަތުރެއް ކުރަން ތައްޔާރުވާ ނަމަ، ދެ ކަށްވަޅު ކޮންނަން ހަނދާން ކުރާށެވެ.
23. މީހުންނަށް ކަލޭ ނޭނގިދާނެތީ ކަންބޮޑު ނުވާށެވެ. ނަމަވެސް، ކަލޭ އެނގުމަކި މުހިއްމުކަމެއް ކަމުގައި ވޭތޯ ހެދުމަށް މަސައްކަތް ކުރާށެވެ.
24. ދެ މުސަޅު ފަހާ ދުވާ މީހާއަށް އެކަތި ވެސް ނުހިފޭނެއެވެ.
25. ކުށެއް ކުރެވުމުން އެކަން އިސްލާހު ނުކޮށްފި ނަމަ، އެކުރެވުނީ ކުށެކެވެ.
26. ކަލޭގެ މަންޒިލަށް ވާސިލު ނުވާ ކަމަށް ހީކޮށްގެން ހުރެ، އަދި އެ މަންޒިލް އަތު ނުޖެހި ހިނގައިދާނެ ކަމަށް ވެސް ހީކޮށްގެން ހުރެ، ކިޔަވަމުން ދާށެވެ.
27. އަހަރުމެން ހާސިލު ކުރާ އެންމެ މޮޅު ކަމަކީ ފޭލި ނުވުމެއް ނޫނެވެ. ނަމަވެސް، ފޭލިވެ ވެއްޓޭ ކޮންމެ ފަހަރަކު ކޮޅަށް ތެދުވުމެވެ.
28. މޮޅު އިތުރުވެގެންވާ މީހަކީ އޭނާގެ ބަސްމަދުވެފައި އޭނާގެ އަމަލުތައް ގިނަ މީހާއެވެ.
29. މަގުތައް ހެދިފައި ވަނީ ދަތުރުތައް ކުރުމަށެވެ. އެއި މަންޒިލެއް ނޫނެވެ.
30. މާދަމާއާ މެދު ވިސްނާށެވެ. މާޒީ އިސްލާހެއް ނުކުރެވޭނެއެވެ.
31. އަނިޔާތައް މާފުކޮށް އެކަންކަން މަތިން ހަނދާން ނައްތާލާށެވެ. ނަމަވެސް، ދުވަހެއްގައި ވެސް، މީހެއްގެ އިހުސާންތެރިކަމުގެ މަތިން ހަނދާން ނައްތާ ނުލައްޗެވެ.
32. ތިން ގޮތަކަށް ހިކުމަތްތެރިކަން އަހަރުމެންނަށް ދަސްކުރެވިދާނެއެވެ.
ފުރަތަމަ ގޮތަކީ ކަންމަކުމގެ މައްޗަށް ފުންކޮށް ވިސްނައި ފިކުރުކޮށްގެންނެވެ. އެއީ ހިކުމަތްތެރިކަން ލިބިގަނެވޭ އެންމެ މާތް ގޮތެވެ.
ދެވަނަ ގޮތަކީ އެހެން މީހުން ކޮޕީ ކޮށްގެންނެވެ. މިއީ ހިކުމަތްތެރިކަން ލިބިގަންނަން އޮންނަ އެންމެ ފަސޭހަ ގޮތެވެ.
ތިން ވަނަ ގޮތަކީ އަމިއްލަ ތަޖުރިބާއިން ހިކުމަތްތެރިކަން ލިބިގަތުމެވެ. އެއީ ހިކުމަތްތެރިކަން ލިބިގަނެވޭނޭ އެންމެ ހިތި ގޮތެވެ.

