ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ވިސާ ބޭނުންވާ ހާލަތްތަކުގައި ދުރާލައި ވަގުތު އޮއްވައި ވިސާއަށް އެޕްލައިކުރުމަށް ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލާ ޚިދުމަތްތައް ފުޅާކޮށް، ބޭރުގެ ގައުމުތަކަށް ދަތުރުކުރުމަށް ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ މުހިއްމު އަމާޒެއް ކަމަށެވެ.
އެގޮތުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އިތުރު ފަސް ގައުމަކާއެކު ވިސާ އެއްބަސްވުން ގާއިިމްކޮށްފައިވާނެ ކަމަށާއި މިހާރު ޖުމްލަ 88 ގައުމަކަށް، ކުރިން ވިސާ ހޯދުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ ކަމަށް ބަޔާނުގައިވެއެވެ. އަދި، އިތުރު 17 ގައުމަކާއެކު ވިސާ އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރަށް ދިވެހިން ދަތުރުކުރުމަށް ވިސާ ބޭނުންވާ ގައުމުތަކުގެ ތެރެއިން ރާއްޖޭގައި އެ ގައުމެއްގެ މިޝަނެއް ގާއިމުކުރެވިފައި ނުވާ ގައުމުތަކުގެ ވިސާ ހޯދުމުގެ ކަންކަމުގައި އެ މިނިސްޓްރީން އެހީ ފޯރުކޮށްދެމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ވިސާ ދޫކުރުމަކީ އެ ގައުމަކުން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ކުރިއަށްގެންދާ، އަދި އެކަމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ހަމައެކަނި އެ ވިސާ ދޫކުރާ ގައުމަކަށް ލިބިފައިވާ ކަމެއް.މީގެ ތެރޭގައި، ވިސާ ދޫކުރުމަށް ހޭދަވާނެ މުއްދަތުތައް ކަނޑައެޅުމާއި، އެކި ބާވަތުގެ ވިސާއަށް ތަފާތު ލިޔެކިޔުން ހުށަހަޅަން ޖެހުމާއި، އަދި ބައެއް ހާލަތްތަކުގައި ބައޮމެޓްރިކްސް ނެގުމަށާއި އިންޓަވިއުއަށް، ހުދު ވިސާއަށް އެދޭ ފަރާތް ހާޒިރުވާން ޖެހުންވެސް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، އެކަށީގެންވާ ވަގުތު އޮއްވައި ވިސާއަށް އެދި ހުށައެޅުމާއި، ލިޔެކިޔުންތައް ފުރިހަމަކުރުމާއި، ދުރާލައި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އަދި ހަމައެއާއެކު، ވިސާ އެޕްލިކޭޝަނާއި ޕާސްޕޯޓު ފޮނުވަންޖެހޭ ހާލަތްތަކުގައި، ވިސާ ޕްރޮސެސްކުރުމަށް ފޮރިން މިނިސްޓްރީގެ ޑިޕްލޮމެޓިކް ޕައުޗުގައި ޕާސްޕޯޓު ފޮނުވުމާއި އަނބުރާ ގެނައުމަށްވެސް ވަގުތު ހޭދަވާތީ އެކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން، އަދި ވަކިން ޚާއްޞަކޮށް، ޝެންގެން ޤައުމުތައް ހިމެނޭހެން، ދިވެހި ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީތައް ގިނަ ޢަދަދަކަށް ހުންނަ ސްރީލަންކާއަށް މިވަގުތު ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި ހަކަތައިގެ ކާރިޘާއާ ގުޅިގެން، ވިސާ ސެންޓަރުތަކާއި އެމްބަސީތަކުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރައި، މަސައްކަތުގެ ގަޑިތައް މަދުކޮށް، އެޕޮއިންޓްމަންޓްތައް ލިމިޓްކޮށްފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ވުމާއެކު މި ދަނޑިވަޅުގައި، ރައްޖެއިން ބޭރަށް ދިވެހިން ދަތުރުކުރުމަށް ވިސާ ބޭނުންވާ ގައުމުތަކުގެ ވިސާ ހޯދުމުގައި، ލިޔެކިޔުންތައް ފުރިހަމަކުރުމަށާއި، ދުރާލާ އެޕޮއިންޓްމަންޓް ހޯދާ، ވިސާއަށް އެޕްލައި ކުރުމަށް ސަމާލުކަން ދިނުމަށް އެންމެހާ ފަރާތްތަކަށް މިނިސްޓްރީން ވަނީ އިލްތިމާށްކޮށްފައެވެ.
ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ވިސާ ހޯދުމުގެ ކަންކަމުގައި މި މިނިސްޓްރީގެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށާއި، އަދި ވިސާ ހޯދުމުގައި ދިވެހިންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.