މިއަހަރުގެ މިނިވަންދުވަހާ ދިމާކޮށް ފުޅަނދުބުރު ބާއްވަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިވަންދުވަހާ ދިމާކޮށް ފުޅަނދުބުރު ބާއްވަން ނިންމިކަން މިނިސްޓްރީން ހާމަކުރި ނަަމަވެސް މިކަމާއި ބެހޭ އިތުރު މައުލޫމާތު ހާމަކޮށްފައިނުވެއެވެ.
ރާއްޖޭގައި އެންމެ ފަހުން ފުޅަނދު ބުރު ބާއްވާފައިވަނީ 2019 ވަނަ އަހަރުގައެވެ. އެ އަހަރުގެ ފުޅަނދު ބުރުގައި ސަރުކާރުގެ ފަސް ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. އެބުރުގައި ތަފާތު ތީމްއަކަށް ފުޅަނދުތައް ތައްޔާރުކޮށް ކުޑަކުދިންގެ މެދުގައި ޝައުގުވެރި ކާޓޫންތަކާއި ދިވެހި ސަގާފީ ކަންކަން ދައްކުވައިދީފައިވެއެވެ.
މާލޭގެ ބޮޑެތި މަގުތަކުގައި 2019 ވަނަ އަހަރު ބޭއްވި ފުޅަނދުބުރުތައް ބަލާލަން ގިނައަދަދެއްގެ ބަޔަކުވަނީ ނުކުމެފައެވެ.
ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން ތިންއަހަރު ވަންދެން މެދުކެނޑިފައި އޮތުމަށްފަހު މިއަހަރު ފުޅަނދު ބުރު ފެނިގެންދާނެ ކަމުގެ އުފާވެރި ޚަބަރު ހޯމް މިނިސްޓްރީން މިވަނީ ދީފައެވެ. ރާއްޖޭގައި ކޮވިޑްެ ހާލަތު ރަނގަޅުވެ އަޅާފައިވާ ގިނަ ފިޔަވަޅުތައް މިހާރު މިވަނީ އުވާލާފައެވެ. އެހެންކަމުން މިއަހަރު މިނިވަން ދުވަސް ފާހަނގަކުރުމުގެ ގޮތުން ފުޅަނދުބުރު ބާއްވަން މިވަނީ ނިންމާފައެވެ.