ނޫސްވެރިން ދެކެ ބިރުން ނޫސްވެރިން ޖަލަށްލާން ޖަލަށްލާން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މަސައްކަތް ކުރައްވަނީ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ “މަސްދަރު ހައްޔަރު”ގެ ދަށުން އެންމެ ފުރަތަމަ ހައްޔަރުކުރަން ރައީސް ބޭނުންފުޅުވަނީ “ދިޔަރެސް” ނޫހުގެ ޗީފް އެޑިޓަރ އަދި ނޫސްވެރިޔާ އަޙްމަދު އަޒާން ކަމަށާއި “ދިޔަރެސް” ނޫހުގެ ތަހުގީގީ ނޫސްވެރިކަން ސަރުކާރުގެ ވައްކަމާއި ޖަރީމާތައް ބޯކޮށް ފަޅާ އަރުވަމުން އަންނާތީ އެކަމާ ރައީސް ސޯލިހު ބިރުގަންނަވާ ކަމަށެވެ.
ޝިޔާމްގެ ފާޑުކިޔުންތައް ރައީސް ސޯލިހުއަށް އަމާޒުކުރީ ނޫސްވެރިން ލިޔާ ޚަބަރު ހޯދާ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ މާއްދާއާއި އެކު ހެއްކާއި ބެހޭ ގާނޫނު ރައީސް ޞާލިހު ތަސްދީގުކުރެއްވިތާ 24 ގަޑިއިރުވެސް ނުވަނީސް ނޫސްވެރިޔާ އަޒާން ފުލުހަށް ހާޒިރުވާން ޗިތު ފޮނުވުމާއި ގުޅިގެންނެވެ.
މާދަމާ ފުލުހަށް ހާޒިރުވާން އަޒާންއަށް ވަނީ އަންގާފައެވެ. އޭނާ ހާޒިރުކުރެވެނީ އައިޖީއެމްއެޗްގެ ޑާޓާ ބޭސްއިން ބޭނުން މީހަކަށް ފަސޭހަކަމާއެކު ބޭނުން މީހެއްގެ މައުލޫމާތު ބެލޭކަން ފާހަގަކުރެވި އެ މައްސަލަ ހެލްތު މިނިސްޓްރީއާއި އައިޖީއެމްއެޗްގެ ސަމާލުކަމަށް ގެނައުމަށްފަހު ދިޔަރެސް ނޫހުގައި ރިޕޯޓުކުރި މައްސަލައިގެ ތަހުގީގަށެވެ.
“ދިޔަރެސް” ނޫހުގެ ނޫސްވެރިޔާ އަޒާން ބުނާ ގޮތުން އައިޖީއެމްއެޗްގެ ވެބްސައިޓުގައި ހުރި މައްސަލައަކުން އާންމުންގެ މެޑިކަލް ރެކޯޑް ފެންނަކަން ދިޔަރެސް ނޫހުން ރިޕޯޓު ކުރުމުން، އައިޖީއެމްއެޗްގެ ޑާޓާއަށް އެކްސެސްވެ ދައުލަތުގެ ބައެއް ވެރިންގެ ޞިއްޙީ ރެކޯޑުތައް ހޯދައި އެތަކެތި ލީކުކުރި ކަމަށް ތުހުމަތުކޮށް އޭނާ ހާޒިރު ކުރަނީ ތަހުޤީގަށެވެ. ނަމަވެސް މިހާތަނަށް މިފަަދަ ޑާޓާއެއް އެނޫހުންވެސް ލީކުކޮށްފައިނުވެއެވެ.