ޔުކްރޭނުން ވަގަށް ގޮދަންފުށް ބަރުކޮށްގެން ލުބްނާނަށް ދިޔަ ބޯޓު ހިފަހައްޓަން ލުބްނާންގެ ކޯޓަކުން އަމުރުކޮށްފި އެވެ.
ލުބްނާނުގެ ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ ޔުކްރޭނުން ގޮދަން ފުށް ވަގަށް ބަރުކޮށްގެން ލުބްނާނަށް އައި ބޯޓު ހިފަހައްޓައި އޭގައި ހުރި ފުށާއި ބާރުލީ ވެސް ހިފަހައްޓާށެވެ.
ލުބްނާނުގެ ތަރާބުލުސްގެ ބަނދަރުގައި އޮތް މި ބޯޓަކީ ސީރިޔާގެ ބޯޓެކެވެ. އަދި އެބޯޓުގައި ހުރީ ތުރުކީ ކުންފުންޏެއް ކަމަށްވާ ލޯޔަލް އޭގްރޯގެ މުދަލެވެ.
އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން މިބޯޓު ކުރިން ބަނދަރުކުރާ ގޮތަށް އޮތީ ސީރިޔާގައެވެ. އެހެން ނަމަވެސް ސީރިއާއަށް ވުރެ ލުބުނާންގައި ގޮދަންފުށަށް ލިބޭ ފައިދާ ބޮޑުކަމުން ބޯޓުގެ މިސްރާބު އުތުރު ލުބުނާންއަށް ބަދަލު ކުރީއެވެ. ބޯޓުގައި 5،000 ޓަނު ގޮދަންފުށާއި 5،000 ޓަނު ބާރުލީ ހުރި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ލުބްނާނުން ގޮދަން ފުށް ހުސްވެ މުޅި ޤައުމު ފުށަށް ޖެހި ޕާން ލިބުން ދަތިވެ ގަޔަށް ބޮލަށް އަރާވަރުވެ، ޕާން ވިއްކާ ފިހާރަތައް ދޮށުގައި ހާޖާނު ހަދައި ފިހާރަތަކުގައި ހުޅުޖަހާ ހިސާބަށް ދާ ދުވަސް ވެސް އާދެއެވެ. މިފަދަ ދަނޑިވަޅެއްގައި ބޮޑު މަންފާއެއް ހޯދުމުގެ ނިޔަތުގައި މިބޯޓު ލުބުނާނުގައި ބަނދަރުކުރީއެވެ.
ބޯޓުގައި ހުރި މުދަލުގެ ވެރިފަރާތް ކަމަށްވާ ލޯޔަލް އޭގްރޯއާ ހަވާލާދީ ރިޕޯޓްތައް ބުނަނީ ބޯޓުގައި ހުރީ ސައްޚަ މުދާ ކަމަށާއި ވަގަށް ނަގާފައި އެންމެ ފުކެއް ވެސް ނޯންނާނެ ކަމަށެވެ. އަދި މުދަލުގެ ސައްޚަކަން ސާބިތުކުރުމަށް ގުޅުން ހުރި ލިޔުންތައް ވެސް މިހާރު ވަނީ ލުބްނާންގެ އިދާރާތަކަށާއި ކަސްޓަމަށް ފޮނުވާފައެވެ.
އެހެން ނަމަވެސް، ލުބްނާންގައި ހުންނަ ޔުކްރޭން އެމްބަސީން ބުނާ ގޮތުން ބޯޓުގައި ހުރި ގޮވާމާއި ބާރުލީ އަކީ ޔުކްރޭނުން ވަގަށް ނަގާފައި ހުރި މުދާ ކަމަށް ވަރަށް ބޮޑަށް ޝައްކު ކުރެވެއެވެ. ސަބަބަކީ ސީރިއާ އަކީ ރަޝިއާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމަކަށްވެފައި ސީރިއާގެ ބޯޓަކަށް ގޮވާން ބަރުކުރުމަކީ ޔުކްރޭން ސަރަހައްދު މިހާރު އޮތް ގޮތުން ދަތި އުނދަގޫ ކަމެއް ކަމަށް ލުބްނާންގައި ހުންނަ ޔުކްރޭން އެމްބަސީން ދަނީ ބުނަމުންނެވެ.
ޔުކްރޭނުން ގޮވާން ބަރުކޮށްގެން ސީރިއާއަށް ނިސްބަތްކުރެވޭ ބޯޓެއް ދަތުރަށް ފެށި މައްސަލާގައި އެމެރިކާ އޮތީ ފޫގަޅައިގެންނެވެ. އެ އުޅަނދަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އެމެރިކާ އޮތީ ގޮވާލާފައެވެ.
ލުބްނާންގެ އޮފިޝަލުން ބުނާ ގޮތުން ބައިނަލްއަގްވާމީ ގާނޫނާއި ގަވާއިދަށް ލުބްނާން ބޯލަނބާނެއެވެ. އެހެންކަމުން މުދަލުގެ ސައްޚަކަން ސާބިތުވަންދެން ބޯޓުގައި ހުރި އެއްވެސް މުދަލެއް ނުބާލާނެ ކަމަށް ލުބްނާނުން ވަނީ ބުނެފައެވެ.