ރާއްޖޭގައި ޤިޞާޞްގެ ހުކުމް ތަންފީޒު ކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއިން ބާރު ލިގެންވާ މަގުން، ޤާނޫނޫލް ޢުޤޫބާތުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެން ޤިޞާޞްގެ ޙުކުމް ތަންފީޒުކުރަންޖެހޭ ކަމަށާއި އަނިޔާވެރި ޢަމަލުތަކަށް ޙައްޤު އަދަބުތައް ކަނޑައެޅިފައިވަނީ އިސްލާމީ ޝަރީޢަތުގައި ކަމަށެވެ.
ރާއްޖޭގައި އަނިޔާވެރި ގޮތަށް މީހުން މެރުން އާންމު ކަމަކަށް ވަމުންދާއިރު މިދިޔަ ހޮނިހިރު ދުވަހުގެރޭވެސް އަނިޔާވެރި ގޮތަކަށް ކަރު ބުރިކޮށް އަތާއި ދެފައި ބުރިކޮށް މާލޭގައި ޒުވާން އަންހެނަކު ވަނީ މަރާލާފައެވެ.
މިކަހަލަ އަނިޔާވެރި ޤާތިލުންނަށް ހައްގު އަދަބު ދިނުމަށް ގިނަ ބަޔަކު ގޮވާލަމުންދަނިކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ރާއްޖޭގައި މަރަށް މަރު ހިފައި ޤިޞާޞްގެ ހުކުމް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. އިސްލާމްދީނުގައި ބަޔާން ކުރައްވާފައިވާ ގޮތަށް އަމަލު ކުރުމަށް ޑރ.ޝަހީމް ވަނީ ގޮވާލާފައެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭ ޗީބޯ ކެފޭ ގޯޅި ތެރޭގައި ހުންނަ ހ. ޝީރީންވިލާ ގޭގައި މަރާލާފައި އޮއްވާ ފެނިފައިވަނީ ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 އެވެ. އެމައްސަލައިގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގެ އަލީ ޝާހިލް ވަނީ ހައްޔަރުކޮށްފައެެވެ. ޝިއާއުގެ މަރާއި ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާއު ވިދާޅުވީ ޝިއާއުގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވެނީ ޝާހިލަށް އެކަނި ކަމަށެވެ. އެހެން ނަމަވެސް މިވަގުތާއި ހިސާބަށް އޭނާ ކުށަށް އިއުތިރާފް ވެފައި ނުވާ ކަމަށް ޝިފާއު ވިދާޅުވިއެެވެެ.
ޝިއާއުގެ މަރާލަން ބޭނުންކުރި ހަތިޔާރު ހާދިސާ ހިނގި ސަރަހައްދުން ފުލުހުން މިހާރު ވަނީ ހޯދާފައެވެ. ރަޙުމްކުޑަކޮށް މަރާލި ޝިއާއު މުހައްމަދު ސައީދު (ޝިއާ) ގެ ޕޯސްޓްމޯޓަމް ހަދަން ފުލުުހުން ވަނީ ނިންމާފައެވެ. މިއީ ފަހުގެ ތާރިޚެއްގައި ރާއްޖޭގައި ހިންގި އެންމެ އަނިޔާވެރި އެއް ގަތުލެވެ.