މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ އެކަން ދޮގޮކޮށްފިއެވެ.
ރޭ ކުރި ޓްވީޓެއްގައި އެފިރިހެންމީހާ ބުނެފައިވަނީ އެއަންހެން ކުއްޖާ އޭނަގެ މައްޗަށް ކުރާ ތުހުމަތުގައި އެއްވެސް ހަޤިގަތެއް ނެތް ކަމަށާއި އެމައްސަލަ ރަގަޅަށް ބަލައި ދިނުމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ ފިރިހެން މީހާގެ ވަނަވަރު މީސްމީޑިޔާގައި ވަނީ ހާމަކޮށްފައެވެ. މީސްމީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އަންހެން މީހާ އިތުރު އަށް ވަރަކަށް މީހުންނާ އެކީ “ގެޓްޓުގެދާ” އަކަށް ގޮސް ހުއްޓާއެވެ. އަންހެން މީހާ ރައްޓެހިވެގެން އުޅޭ ފިރިހެން މީހާ އެހެން މީހަކު ގެއަށް ލާން ދިޔަ ވަގުތު ބަލާފައި ތުހުމަތުކުރެވޭ ފިރިހެން މީހާ އަންހެން މީހާ ފައިގައި ހިފާ ސޯފާ މައްޗަށް އެއްލާލައި ގަދަކަމުން ލައިގެން ހުރި އެއްޗެހި ބާލުވާލައި ރޭޕް ކުރި ކަމަށް އަންހެން މީހާ ވަނީ ބުނެފައެވެ. އަދި އަންހެންމީހާ ހަޅޭއްލެވި ނަމަވެސް ފިރިހެންމީހާ އެކަން ހުއްޓާފައި ނުވާ ކަމަށް އެޕޯސްޓުގައި ލިޔެފައިވެއެވެ.
އެހެންނަމަވެސް ތުހުމަތު ކުރެވޭ ފިރިހެން މީހާ ކުރި ޓްވީޓުގައި ބުނެފައިވަނީ އެފަދަ ބޮޑު ތުހުމަތެއް އޭނަގެ ބޮލުގައި އެޅުވި ސަބަބެއް އޭނައަށް ނޭގޭ ކަމަށާއި މިކަން ފުލުހުން ތަހުޤީގު ކުރިޔަސް އެއީ ދޮގު އިލްޒާމެއްކަން އެނގިގެން ދާނެ ކަމަށެވެ.
މީގެއިތުރުން މީގެ ކުރިން ދުވަހަކުވެސް އެކަހަލަ ކަމެއް ކޮށްފައިނުވާނެ ކަމަށާއި އޭނާއަކީ ރޭޕްއާ ދެކޮޅު މީހެއްކަން އޭނާ ދަންނަ އެންމެނަށްވެސް އެނގޭނެ ކަމަށް އެޓްވީޓުގައި ބުނެފައިވެއެވެ.
މިހާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ، މާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައެއްގެ މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ކުރަން ޖެހޭ ތަހުގީގުތައް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް މިމައްސަލައިގައި އަދި އެއްވެސް މީހަކު ހއްޔަރުކޮށްފައިނުވެއެވެ.