ރާއްޖެއަށް ގެނައި ޑިމޮކްރަސީ ދެކެ ފޫހިވެއްޖެ ކަމަށް ދެއްވަދޫ ކައުންސިލްގެ ކުރީގެ ރައީސް އިބްރާހިމް ތައުފީޤު ވިދާޅުވެއްޖެއެވެ.
އިބްރާހިމް ތައުފީޤް ވިދާޅުވީ މި ރައްޖޭގައި އެއްވެސް އިރަކު އިންސާފުނެތް ކަމަށާއި އަދުލުވެރި ފަޑިޔާރުންވެސް ނެތްކަމަށެވެ.
“ދެން އެއްވެސް މީހަކަށް ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިހާބު ކުރުމަށް ވޯޓް ނުދޭނަން” ތައުފީޤް ވިދާޅުވިއެވެ.
2011 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަަހަރާ ހަމައަށް ދެއްވަދޫ ކައުންސިލްގެ މެމްބަރު ކަމާއި، ނައިބް ރައީސް ކަމާއި ރައީސް ކަން ކޮށްފައިވާ ތަޢުފީޤް އަކީ އެމްޑީޕީ އުފެދުނީއްސުރެ ފެށިގެން ދެއްވަދޫގެ އެމްޑީޕީގެ ހަރަކާތުގައި އެންމެ އިސްކޮށް އުޅޭ ފަރާތެކެވެ.
ތައުފީޤް ވިދާޅުވީ ދިވެހިރާއްޖެއަށް ގެނެސްފައިވާ ޑިމޮކްރަސީދެކެ ވަރަށް ބޮޑަށް ފޫހިވެއްޖެ ކަމަށާއި، ފޮނި އުއްމީދާއެކު ބުރަ މަސައްކަތުން ރައީސް ކަމަށް ހޮވި އެއްވެސް ވެރިޔެއްގެ އިޙްލާސްތެރިކަމެއް ނެތްކަމަށެވެ. އަދި އަދުލުއިންސާފް ޤާއިމް ނުވެގެން އުޅެނީ ރައްޔިތުންގެ މަޖްލީސް އެމްޑީޕީއަށް ނުލިބިގެން ކަމަށް ބުނުމުން އެޖެންޑާ19 އޭ ކިޔައިގެން ނުކުތް 19 ވަނަ ރައްޔިތުންގެ މަޖްލީސްއަށް އެމްޑީޕީ ސުޕަރ މެޖޯރިޓީ ދިނުމުންވެސް ވީ އެއްކަމެއްވެސް ނެތްކަމަށް ތައުފީޤް ވަނީ ވިދާޅުވެފައެވެ.
ތައުފީޤް އިތުރަށް ވިދާޅުވީ ޤައުމުގެ މިސްރާބު މިވަނީ ނުބައި ދިމާލަކަށް މިސްރާބް ޖަހައިފައި ކަމަށާއި، ފާހިޝް ޢަމަލުތަށް ގިނަވެ މިކަންކަމަށް ހިތްވަރުދޭން އަޑީގައި ތިބީ ސިޔާސީ އިސްފަރާތްތަށް ކަމަށެވެ.
އެހެންކަމުން ކުރިޔަށް އޮތްތާގައި ސިޔާސީ އެއްވެސް ކަމަކާއި ބައިވެރިވާން ބޭނުން ނުވާކަމަށާއި، މިވަގުތު ދިވެހި ރާއްޖޭގައި ވެރިކަމަށް ކުރިމަތިލާން ނިންމާފައިތިބި އެންމެނަކީވެސް ޓެސްޓެޑް އެންޑް ފެއިލްޑް ވެފައިތިބި މީހުންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރާއްޖެ އަމާން އައްސޭރިޔަކަށް ގެންދާނެ އެއަވެސް ލީޑަރަކު ނެތުމުން އެމީހުންނަށް ވޯޓް ދިނުމަކީ ޤިޔާމަތް ދުވަހުންވެސް އަހަރުމެންނާއި ސުވާލު ކުރެވޭނެ ކަމެއް ކަމުގައި ތައުފީޤް ވިދާޅުވިއެވެ.