ކ. މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރި 32 ގައިދީން އާއިލާއާ ހަވާލުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަން ސާރވިސް އިން އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި ވަނީ ފަރުވާ ޕްރޮގްރާމް ފުރިހަމަ ކުރި ގައިދީންނަށް ސެޓްފިކެޓް ހަވާލު ކޮށްފައެވެ. އަދި އެގައިދީން ޝަރުތުތަކާއެކު މުޖުތަމައުއަށް ވަނީ ދޫކޮށްލާފައެވެ.
އެހެންނަމަވެސް ކަރެކްޝަނުން ބުނީ އެމީހުން މުޖުތަމައުއަށް ދޫކުރި ނަމަވެސް އެއް އަހަރު ވަންދެން އެމީހުންގެ ކަންތައްތައް މޮނީޓަރކޮށް އުޅޭނޫޅޭ ގޮތް ބަލަމުން ދާނެ ކަމަށެވެ.
މާފުށީ ޖަލުގައި ތިބި ގައިދީންނަށް އަމާޒުކޮށްގެން މިދިޔަ ފެބްރުއަރީމަހު ތެރޭ ފެށި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ތެރެއިން ފަރުވާ ހޯދި 32 ގައިދީން ދޫކޮށްލުމުގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ އެ މީހުންނާ ބައްދަލު ކުރައްވައި ނަސޭހަތް ދެއްވައިފައެވެ.
މިކަމާއި ގުޅިގެން މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖަލުގެ ތެރޭގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި ގައިދީން ކޮމިއުނިޓީއަށް ރީ އިންޓިގްރޭޓް ކުރުމަކީ މަސްތުވާ ތަކެތީގެ ވަބާއިން މުޖްތަމައު ސަލާމަތް ކުރުމުގެ މަގުގައި އެޅުނު އުސް ފިޔަވަޅެއް ކަމަށެވެ.
މިޕްރޮގްރާމްގައި 40 ބައިވެރިން ބައިވެރިވެފައިވީ ނަމަވެސް އެކި ސަބަބުތަކާ ހުރެ އެޕްރޮގްރާމް ފުރިހަމަކޮށްފައިވަނީ 32 ގައިދީންނެވެ.