ގދ.މަޑަވެލީ “ޓީއެސް ލައިން” ނަމަކަށް ކިޔާ ދޯންޏަކުން އެއްދުވަހުގެ ތެރޭ 57 ޓަނުގެ މަސް ބާނައިގެން ހޯދި ކާމިޔާބީ އަތޮޅު ފެންވަރުގައި ފާހަނގަކުރުމަށް ނިންމާފައިވާ ކަމަށް މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ވިދާޅުވެއްޖެއެވެ.
ހުވަދޫ ނިއުސްއަށް މައުުލޫމާތު ދެއްވަމުން މަޑަވެލީ ކައުންސިލްގެ ރައީސް ވިދާޅުވީ “ޓީއެސް ލައިން” ހޯދި ކާމިޔާބީ މަޑަވެލީ ކައުންސިލުން ގދ އަތޮޅު ކައުންސިލާއި ގުޅިގެން އަތޮޅު ފެންވަރުގައި މަޑަވެލީގައި ފާހަނގަ ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ގދ އަތޮޅުގައި ތިބި ހުރިހާ މަސްދޯނިތަކަށާއި ހުރިހާ ކެޔޮޅުންނަށް ދައުވަތު ދިމުނަށް ވަނީ ނިންމާފައެވެ. އަދި އެދުވަހު ހާއްސަ ޖާފަތެއް އޮންނާނެ ކަމަށް ފިޔާޒް ވަނީ މައުލޫމާތު ދީފައެވެ. މިޖާފަތަކީ މިހާތަނަށް ހުވަދު އަތޮޅުގައި ބޭއްވޭނެ އެންމެ ބޮޑު ޖާފަތަށް ވެގެނންދާނެ ކަމަށް ވަނީ މައުލޫމާތުދީފައެވެ.
މީގެއިތުރުން މިހަފްލާގެ ތެރޭގައި “ޓީއެސް ލައިން”ގެ ޒުވާން ކެޔޮޅަށް ހާއްސަ އެވޯޑެއް ހާއްސަ ކުރެވިގެންދާނެއެވެ.
މަޑަވެލީގެ ރައީސް މިވަގުތު ރަށުން ބޭރުގައި ހުންނެވުމާއި ގުޅިގެން މިހަފްލާ ބާއްވާނެ ވަކި ދުވަހެއް އަދި ކަނޑަނާޅައެވެ. އެހެންނަމަވެސް ފިޔާޒް ވިދާޅުވީ ރަށަށް އެނބުރި ދެވުނު އަވަހަކަށް މިކާމިޔާބީ ކުލަގަދަކޮށް ފާހަނގަ ކުރާނެ ކަމަށެވެ.
މަޑަވެލީ “ޓީއެސް ލައިން” ދޯނިން ވަނީ އެއްދުވަހުން 57.1 ޓަނުގެ މަސް ބާނާފައެވެ. މިއީ ރާއްޖޭގެ ރާއްޖޭގެ މަސްވެރިކަމުގެ ތާރީހުގައި މިހާތަނަށް ދޯންޏަކުން އެއް ދުވަހެއްގެ ތެރޭގައި ބޭނި މަހުގެ ރެކޯޑެކެވެ. މަޑަވެލީ ދޯނިން ގއ. ކޫއްޑޫއަށް ކިރުވި މަހަށް ޖުމްލަ 971،584 ލައްކަ ރުފިޔާ ވަނީ ލިބިފައެވެ.

