ޓްރާންސްޕޯޓް މިނިސްޓްރީން ދާދި ފަހުން ނެރުނު ޤަވައިދާ ޚިލާފަށް ރަޖިސްޓްރީކޮށްފައިވާ 98 އެއްގަމު އުޅަދުގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލްކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރި ގޮތުގައި ރަޖިސްޓްރީ ބާތިލް ކުރި އުޅަދު ތަކަކީ ޤަވައިދާ ޚިލާފަށް ރަޖިސްޓްރީކޮށް، ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ ވެހިކަލްތަކެވެ. އަދި ގަވާއިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ އުޅަނދުތައްވެސް އޭގެތެރޭގައި ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީގެ ޤަވައިދަށް ނުފެތޭ 50 ވެހިކަލެއް މިދިޔަ ހަފްތާގައިވެސް ވަނީ ރަޖިސްޓްރީ ބާތިލްކޮށްފައެވެ.
ރަޖިސްޓްރީ ބާތިލްކުރި އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރުތައްވެސް މިނިސްޓްރީގެ އިއުލާންގައި އާންމުކޮށްފައިވެއެވެ.
ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓުން ބާތިލްކޮށްފައިވާއިރު، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު މިމަހު 1 ވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ އަންގާފައެވެ.