ރެއާދުވާލުގެ ގިނަވަގުތުތަކުގައި އެކިއެކި ތަފާތުކަންތައްތަކުގައި، ބުރަވެ ކަމުގެ ތެރެއަށް ގެއްލި ތިބެ އުޅޭ އުޅުމުގެ ތެރޭގައި އަމިއްލަ ހަށިގަނޑުގެ ބަރުދަން ކަކުލުހުޅަށް ބަރޯސާ ކުރެވޭ މިންވަރު އެއްގޮތަކަށްވެސް އަހަރެމެންނަކަށް އިހުސާސެއް ނުކުރެވެއެވެ. ކަކުލު ހުޅުގައި ރިއްސަން ފެށުމާ ހަމައަށް އަހަރެމެން ތިބެނީ ނޭނގުމެއްގެ ތެރޭގައެވެ. ފަރުވާވެ ބަލަހައްޓަން، ނުވަތަ ސަމާލުވެ ބަލަައިގެން އުޅުމަށް އެންމެ އުނދަގޫވާ އެއް ވޭނަކީ ކަކުލު ހުޅުގެ ރިހުމުން އަޅާ ވޭނެވެ. ސަބަބަކީ އިށީނދެގެން އިނަސް އަދި ކޮޅަށް ހުރިކަމުގައި ވިޔަސް ކަކުލު ހުޅުގެ ދައުރު އެދެކަމުގައިވެސް ހިމެނޭތީއެވެ. ހިނގާފައި ދިޔަކަމުގައި ވިޔަސް، ސިނޑިއަކުން އަރާ ފައިބާކަމުގައި ވިޔަސް، ބައިސިކަލް ސައިކަލް ދުއްވިޔަސް، އަދި އެންމެ ކުޑަމިނުން އަރާމު، ފޮނިމީރު ނިދީގައިވެސް ކަކުލު ހުޅުގެ މަސައްކަތް ބަރާބަރަށް ހިނގަހިނގާ ހުރެއެވެ. ކަކުލުހުޅެއްގައި ރިއްސާކަމުގައިވާނަމަ މުޅި ދުވަހުގެ ހުރިހާ ވަގުތަކު އެވޭނުގައި އުޅެން ޖެހެނީ މިހެންވުމުގެ ސަބަބުންނެވެ.
ދިގުދެމިގެންދާ ކަކުލުހުޅުގެ މިރިއްސުމަކީ ބާސައިޓިސް، އާތުރައިޓިސް، ނުވަތަ ބައެއް ހާލަތްތަކުގައި ވަކި އަނިޔާތަކެއްގެ ސަބަބުން ދިމާވެދާނެ ކަމެއް ނަމަވެސް ނަސީބު ރަނގަޅުކަމުން، ކަކުލުހުޅުގެ މިރިއްސުމަށް ހޭހަން ކޮށް، ރިހުމުގެ ކުރިއެކޭ އެއްގޮތަށް އަލުން މަސައްކަތްތެރިކަމާއެކު ހަރަކާތްތެރިވެ އުޅެވޭނެވަރުގެ ޔަގީންކަން ލިބޭ، ތަފާތު ފަރުވާތައް އެބަހުއްޓެވެ. ހިތާމައަކީ ލިބެން ހުންނަ ތަފާތު އޯޓީސީ އަދި ޑޮކްޓަރުގެ ލަފާގެ މަތިން ލިބޭ ބޭސްތަކުގައި، ހަށިގަނޑުގައި އުފެދޭ އުދަނގޫތައް އިތުރުކުރާ ވަރުގަދަ ސައިޑް އިފެކްޓްތަކެއް އެކުލެވިފައިވާކަމެވެ.
މިހެންކަމުން ބޭހުން ފަރުވާ ހޯދުމުގެ ބަދަލުގައި ފަސޭހަ އަދި ރައްކާތެރި ގޮތެއް ހިޔާރުކުރަމާ ހިނގާށެވެ. ކާތަކެތިގެ ތެރޭގައި ކަކުލުހުޅުގެ ރިހުން ގުދުރަތީ ގޮތުން ރަނގަޅު ކުރުމަށް އެހީތެރިވެދޭ ކާނާ ހިމެނޭކަމަކީ ކިހާ ބޮޑަށް ޝައުގުވެރިވާ އަދި އުފާވެރިކަމެއް ހެއްޔެވެ. ތަދު ފިލުވުމަށް ބޭނުންކުރާ ބޭހަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް މަދުކޮށް، އާންމުކޮށް ހަށިގަނޑު ދުޅަހެޔޮ ސިއްހަތެއްގައި ބަހައްޓަދޭނެ ކާނާތަކެކެވެ.
ކެރެޓް: ކެރެޓްގައި ވިޓަމިން އޭ އާއި ބީޓާ ކެރޮޓީން ގިނައިން ހުންނައިރު މިއީ ވެސް ވަރުގަދަ އެންޓި-އިންފްލެމެޓަރީ ކޮމްޕައުންޑްތަކެކެވެ. ކެރެޓުން އެންމެ ފައިދާ ލިބޭ ގޮތްތަކުގެ ތެރެއިން އެންމެ ރަނގަޅު ގޮތަކީ ކެރެޓް ކައްކައިގެން ކެއުމެވެ. އެކަކު ނަމަ ރޯކޮށް ކެއުމުގައިވެސް ފައިދާ ކުޑައެއްނޫނެވެ. ކޮންމެ ދުވަހަކު ދެ ފަހަރު ކެރެޓް ކެއުމުން ކަކުލުގައި ރިއްސުން ވަރަށް ބޮޑަށް ކުޑަވެގެންދާނެ އެވެ.
ރީނދޫ: ރީނދުލުގައި ގަރުނުތަކެއް ވަންދެން ބޭސްވެރިކަމުގައި ބޭނުންކުރަމުން އަންނަ ކަރކިއުމިން ގިނައަދަދަކަށް ހުރެއެވެ. އެންޓި-އިންފްލެމެޓަރީ ވެސް ހިމެނޭ ރީނދޫ ކެއުމުގައި ގިނައިން ހިމެނުމުން، ކަކުލުގައި ރިއްސުމާއި އެހެނިހެން ހުޅުތަކަށް ތަދުވުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ އެވެ.
އިނގުރު: ރަހަމީރު ނުވިޔަސް ވަސް ރަނގަޅު ނޫނަސް ފައިދާ ކުޑައެއް ނޫނެވެ. އިނގުރުގައި ޖިންޖަރޯލް ކިޔާ ގަދަފަދަބާވަތެއް ހިމެނެއެވެ. ހަމައެހެންމެ ވަރުގަދަ އެންޓި-އިންފްލެމެޓަރީއެއް ކަމަށްވާ އިނގުރަކީ ކަކުލުހުޅުގައި އުނގުޅާލެވޭނެ ނުވަތަ ކެއުމުން ކަކުލުހުޅުގެ ރިހުން ކުޑަކޮށްދޭ ބާވަތެކެވެ.
ވޯލްނަޓްސް އަދި މަސްޓަރޑް އޮއިލް ވޯލްނަޓްސް އަކީ އޭގައި ހިމެނޭ އޮމެގާ-3 ފެޓީ އެސިޑްގެ މިންވަރާއި، އެންޓިއޮކްސިޑެންޓްތަކުން ފުރިފައިވާ، ކަކުލުގެ ރިހުން ފިލުވުމަށް ވަރަށް ރަނގަޅު ބާވަތެކެވެ. ސީދާ މަސްޓަރޑް އޮއިލް، ޒައިތޫނި ތެލާއި ނުވަތަ ކާށިތެޔޮ ވެސް އެއްކޮށްލުމަށްފަހު ތަދުވާ ކަކުލުގައި މަސާޖު ކުރުން ރަނގަޅެވެ. މަސްޓަރޑް އޮއލް ގަތުމުގައި އެސެންޝިއަލް އޮއިލް ލޭބަލްކޮށްފައިވޭތޯ ބަލަންވާނެއެވެ.
އަލަނާސި، ފޮނިތޮށި އަދި އޯޓް ސްމޫތީ:- ދުވަސް ރަނގަޅު ގޮތުގައި ފަށަން ބޭނުންނަމަ، ފޮނިތޮށި، އަލަނާސި ނުވަތަ އޯޓްސް ސްމޫތީ ފަދަ ކަކުލާއި ރައްޓެހި އެއްޗަކަށް ދިއުމަކީ ރަނގަޅު ކަމެކެވެ. މިކަމުގެ ސަބަބުން ހޯލް ގްރޭންސް އާއި ކޮންމެވެސް ވަރަކަށް ވިޓަމިން ސީ އަދި އަލަނާސިން ލިބޭ ބްރޯމެލިން ލިބޭއިރު މިއީ ވަރުގަދަ އެންޓި-އިންފްލެމެޓަރީއެކެވެ. ފޮނިތޮށްޓަކީ ހުޅުތަކުގެ ވަށައިގެން ދުޅަވުން ކުޑަކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗަކަށް ވާއިރު، އިހުސާސް ކުރެވޭ ތަދު އެންމެ ކުޑަކޮށްދޭ އެއްޗެކެވެ.
ބޮޑު ރަތް ޕެޕާ މިރުސް: ހުޅުތަކަށް ސްޓްރަކްޗަރ ލިބިދީ، ކަށިގަނޑާއި މަސް ގުޅުވައިދިނުމުގައި އެހީތެރިވެދޭ، ކަކުލުގެ ހުޅުތައް ކުޝަންކޮށް ރަނގަޅަށް އެއްވަރުކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ސަޕޯޓިން ލިގަމެންޓްސް، ޓެންޑަންސް އަދި ކާޓިލޭޖް މެދުވެރިކޮށް ރިހުން ކުޑަކޮށްދޭ ކޮލަޖަން އުފެއްދުމަށް ވިޓަމިންސީ ބޭނުންވެއެވެ. ތަދު ފިލުވާ ބޭސް ކެއުމުގެ ބަދަލުގައި އަބަދުވެސް ރަތް މިރުސް ފަދަ ވިޓަމިން ސީ ގިނަ ކާނާ ކެވިދާނެ އެވެ. އެގޮތަށް ކަންތައް ކުރުމުން ކަކުލުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވާނެ އެވެ.
އެވޮކާޑޯ އަދި ޓާޓް ޗެރީސް: އެވޮކާޑޯގެ ސަބަބުން ހަށިގަނޑަށް ދުޅަހެޔޮ، ސިއްހަތަށް ފައިދާހުރި އަންސެޗުރޭޓެޑް ފެޓްސް އިން މުއްސަނދި ކްރީމީ ޓެކްސްޗަރެއް ލިއްބައިދެއެވެ. އެވޮކާޑޯ ކެއުމުގައި ގިނައިން ބޭނުން ކުރުމުން ކަކުލުހުޅުގެ ރިހުމަށް ލުއިވެގެންދެއެވެ. އަދި ޓާޓް ޗެރީސްގައި ހުންނަ ރަތްކުލައަކީ އެންތޯސައިނިންސް ހިމެނޭ ގަސްގަހާގެހިން ލިބިދޭ ކުލައެކެވެ. މިބުނާ އެންތޯސައިނިންސް އިން ވަރަށް ބޮޑު މިންވަރަކަށް ވޭން ދަށްކޮށްދެއެވެ. ޓާޓް ޗެރީސް އާއި އޭގެ ޖޫސް އިން ހާއްސަކޮށް ހުޅުތަކުގެ ވަށައިގެން ހަރުވުމާއި، ހަރުވުމުން ރިހޭ ރިހުމުން ދުރުކޮށްދެއެވެ.
މިދެންނެވި ކޮންމެ ކާނާއަކީ ހުޅުތަކުގައި ރިހުން ކުރިމަތިވާ އެންމެ ބޮޑު އިންފްލެމޭޝަން ކުޑަކުރުމަށް އެހީތެރިވެދޭ ކާނާއެކެވެ. މިއިން ކޮންމެކާނާއެއްވެސް ތަދު ފިލުވުމަށް ބޭނުންކުރާ ބޭހަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް މަދުކޮށް، އާންމުކޮށް ހަށިގަނޑު ދުޅަހެޔޮ ސިއްހަތެއްގައި ބަހައްޓަދޭން އެހީތެރިވާނެއެވެ.