ޓެކްނޮލޮޖީއާއެކު ކުދިން ބޮޑުވާއިރު، ބެލެނިވެރިން ކަނޑައެޅޭ މިންގަނޑުތަކަށް ސަމާލުވާން ޖެހޭ
ޓެކްނޮލޮޖީއާއެކީ ބޮޑުވަމުން އަންނަ ކުދިންނަކީ، ތިން އަހަރާއި ހަތަރު އަހަރުގެ ކުދިންގެ އާންމު ދިރިއުޅުމުގައި ޓެކްނޮލޮޖީގެ ދައުރު ދިރާސާކޮށް، ކުދިންގެ އުނގެނުމާއި ތަރައްގީ ކުރިއަށް ގެންދިއުމަށް ކުރާ އަސަރުތައް ހުށަހަޅައިދޭ ފިލްމެއްފަދައެވެ. ކުޑަކުދިން ބޮޑުވަމުން އަންނަނީ އިންޓަނެޓާއި މޯބައިލް ފޯނާއި އެހެނިހެން ގޮތްގޮތުން ޑިޖިޓަލް މުއާމަލާތްކުރުމަކީ ދުވަހުގެ ދިރިއުޅުމުގެ ހަމައެކަނި ސިފަތަކެއް ކަމަށް އެކުދިންނަށް ގަބޫލު ކުރެވޭ ދުނިޔެއެއްގައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެވްރެޖްކޮށް 8 އަހަރާއި 10 އަހަރާ ދެމެދުގެ ކުއްޖަކު ދުވާލަކު ގާތްގަނޑަކަށް 8 ގަޑިއިރު ތަފާތު މީޑިއާތަކާ އެކު ހޭދަކުރާއިރު، އުމުރުން ދުވަސްވީ ކުދިންނާއި ފުރާވަރުގެ ކުދިން ދުވާލަކު ގާތްގަނޑަކަށް 11 ގަޑިއިރު މީޑިއާއާ އެކު ހޭދަކުރެ އެވެ. އެ ވަގުތު އެއްކޮށްލުމުން ޒުވާނުން ސްކޫލުގައި ހޭދަކުރާ ވަގުތުތަކަށް ވުރެ ގިނަ ވަގުތު ޓެކްނޮލޮޖީއާ އެކު ހޭދަކުރަމުންދާ ކަމަށް ވެސް އެދިރާސާތަކުން ހާމަވެއެވެ.
ކުދިންނަށް އެކުދިންގެ އުމުރާ ނުގުޅޭ ފަދަ މަންޒަރުތަކާއި ސިކުނޑިއަށް އަސަރު ފޯރަން ނުޖެހޭ ކަހަލަ ކަންތައްތައް ފެނުމަކީ ފަހަކަށް އައިސް އާންމުވަމުން އަންނަ މައްސަލައެކެވެ. ގިނަފަހަރަށް ކުއްޖާ އަތަށް ދީފައި އޮންނަ ފޯނު، ނުވަތަ ޓެބްލެޓުން ކުއްޖާ ރޭދުވާ ވަކިނުވެ، ކުޅޭ ގޭމްތަކާއި ބަލާ ފިލްމުތަކަށް އޮންނަނީ ސަމާލުކަން ނުދެވިއެވެ. ދަރިފުޅު ކާން އިންނަނީ ކޮންމެވެސް ކަހަލަ ކާޓޫނެއް ނޫނީ ފިލްމެއް އަޅުވައިގެންނެވެ. ދުވާލުގެ އިރުގެ އަލިކަން ގޭގެ ކުޑަދޮރުތަކުން އެތެރެއަށް އެޅޭއިރު ދަރިފުޅުގެ ހުޅުވާލެވޭ ލޮލުން ފުރަތަމަ ބަލަން ބޭނުންވަނީ ރޭގައި ނިދިގެން ދިޔައިރު ބަލަން އޮތް ފިލްމުގެ ނޫނީ ކާޓޫނުގެ ބާކީ ބައެވެ. ބިޒީ ތާވަލެއްގައި ދިރިއުޅޭ މަންމައަށް ކުރެވޭ ހަމައެކަނި ވަރަކީ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައި ގޮވާލުމެވެ. އިތުރަށް ދަރިފުޅުގެ ކަމެއް ކުރުމުގެ ކުރިން އަމިއްލަ އަށް ފޯނާ ދިމާއަށް ދާން މަޖުބޫރުވެއެވެ. ގްރޫޕުގެ އަޕްޑޭޓާއި ވަޓްސްއަޕްގެ ސްޓޭޓަސް އަޕްޑޭޓްކޮށް އިންބޮކްސް ޗެކްކުރަން ޖެހޭތީއެވެ. ދެން އެންމެ އަވަހަށް ތެޅިގެން ދަރިފުޅު ސުކޫލަށް ގެންދިއުމަށް ތައްޔާރުކޮށްގެން ގެންދާނެއެވެ. ގެއަށް އައުމަށްފަހު ދަރިފުޅުގެ ފޮތްތައް ބަލައި ޗެކްކޮށް ހަދާނީ އަގުބޮޑުކޮށް ގެއަށް ގެންނަ ޓީޗަރެވެ. އެންމެ ކުޑަމިނުން ދަރިފުޅުގެ ހޯމްވޯކަކީވެސް އެޓީޗަރުގެ ޒިންމާއެކެވެ. އެކަންތައް ގަވާއިދުން ނުކޮށްފިނަމަ އެމަސައްކަތަށް އެހެން މީހަކު ހޯދުމަށް މިޓީޗަރު ދޫކޮށްލެވޭނެއެވެ.
މީގެ އަނެއްކޮޅުވެސް އޮވެއެވެ. ވަކިގަވާއިދުތަކެއް ކަނޑައަޅައިގެން ދަރިންނަށް ޒަމާނީ ތަރައްގީއާ އެކުގައި އުޅުމަށް މަގުފަހި ކުރެވެން އޮވެއެވެ. އެކަމަކު އެކަމަށްޓަކައި ދޭންޖެހޭ ސަމާލުކަމާއި އަޅާލުން ބޮޑުކަންވެސް ދަންނަން ޖެހޭނެއެވެ. ތިމާ ބޭނުން ހުރިހާ ކަމެއް ކުރުމަށް ފަސޭހައަކަށް ދަރިފުޅު ރުހޭ ގޮތަށް، ބޭނުންކަމެއް ކޮށްދީފައި ބެހެއްޓުމަކީ އަމިއްލަ ދެއަތުން ދަރިފުޅުގެ މުސްތަގުބަލު ހަލާކުކޮށްލުންކަން އެނގޭބާވައެވެ. ތިމާ ފޭސްބުކު، ވަޓްސްއަޕް، އިންސްޓަގްރާމްގައި އަވަދިނެތި އުޅޭއިރު. ކަރޯކޭ މިޔުޒިކް ގްރޫޕުތަކުގައި އެންމެ ނަންހިނގާ ކަރޯކޭ ލަވަކިޔުންތެރިޔާއަށްވާއިރު، އެކަމުގެ އުފަލުގައި ރައްޓެހިންނާއެކު މަޖާ ކުރާއިރު އެތެރޭގައި ކޮޓަރީގައި އެކަނިވެފައި އޮތް ދަރިފުޅު ފޫހިފިލުވުމަށް ގެންގުޅޭ ފޯނުން ނުވަތަ ޓެބްލެޓުން ނޫނީ އައިޕެޑުން ކުރަނީ ކީއްކަން އެނގޭބާވައެވެ. ނޫސްތަކުގައާއި ހަަބަރުތަކުން “ކުޑަކުދިން ރެކްރޫޓުކުރުމަށް ގޭމްތަކުގެ ނާޖާއިޒު ބޭނުން ކުރެވެނީ” އޭ ބުނުމުން އެއީ އެހާބޮޑުކަމަކަށް ނުހަދާ އަޅާނުލުމުގެ ނަތީޖާ އެނގޭހެއްޔެވެ. ރޭގަނޑު މެންދަމުން އަލިވާ ފަހުން ކުއްޖާ “ޕަބްޖީ” ކުޅުމަށް ހަމަ ފޯރިނަގާފައި އިންނައިރު. އެކުއްޖާއާއެކު އަނެއްކޮޅުން ގޭމްގައި ޗެލެންޖަށް އަރާއިނީ ކާކުތޯ ބަލާލެވުނުބާވައެވެ. ފަތިސްނަމާދަން ބަންގިގޮވުމުން ކުއްޖާގެ ނިދި ގަދަވެގެން ދަނީ ބަންގީގެ ފުރަތަމަ ކަލިމަ އިވުނުއިރު ކިރިޔާ ނިދުނީތީވެކަން ވިސްނޭބާވައެވެ.
ދަރިން ޒަމާނާ އެއްވަރަށް، ތަހުޒީބާ އެއްހަމައެއްގައި ގެންގުޅޭން ޖެހޭނެކަން ދޮގުކުރަނީނޫނެވެ. ދަރިންނަނީ ޒަމާނަށް ފެތެން ޖެހޭ ބައެކެވެ.ޓެކްނޮލޮޖީއަށް ފަރިތަވާން ޖެހޭ، ތަރައްގީއާ އެއްމިނެއްގައި ކުރިއަރައިދާންވެސް ޖެހޭނެއެވެ. އެހެންނަމަވެސް އެކަންތައްތަކަށް ވަކިހައްދެއް ހުދޫދެއް މިންގަނޑެއް އޮންނަން ޖެހޭކަން ގަބޫލު ކުރަން ޖެހޭނެއެވެ. ތިމާވެސް ތަރައްގީއާއެކު ތަމައްދުންވެ ތަހޖުޒީބުވާން ޖެހެއެވެ. އެކަމަކު އެކަމަށް ކަނޑައެޅިފައި އޮންނަ ކޮންމެވެސް އުސޫލުތަކަކާއި ގަވާއިދުތަކަކާއި ހަމަތަކެއް އޮންނަން އެބަޖެހެއެވެ.
ޓެކްނޮލޮޖީގެ ނާޖާއިޒު ބޭނުން ތިމާވެސް ނޭނގުމާއި އެނގުމުގެ ތެރެއިން ހިފުން އެއީ ގޯހެއްކަން ގަބޫލުކޮށްގެން ނޫނީ މިކަންތައްތަކަށް ހުއްޓުމެއް ނާންނާނެއެވެ. ދަރިންނަކީ ތިމާގެ ކޮނޑުގައި އެޅިފައި އޮތް ކިހާ ވަރެއްގެ މަސްއޫލިއްޔަތެއްކަމާއި ކިހާބޮޑު ޒިންމާއެއްކަން ހަނދާން ނައްތާލައިގެންނުވާނެއެވެ. ހަމައެކަނި ސުކޫލަށް ފޮނުވުމާއި ގެނައުމާއި ކާންދިނުމާއި އުނުއޮރިޔާން ނިވާކުރިއަކަސް އަދި މަޔަކަށް ނޫނީ ބަފަޔަކަށް ނޫނީ ބެލެނިވެރިޔަކލަށް ނުވެވޭނެއެވެ. އެކަމަށްޓަކައި ފުރަތަމަ ހައްދެއް ކަނޑައަޅައި އެހައްދުގެ ތެރޭގައި ވަކިމިންގަނޑަކަށް ފެތެން ޖެހޭ މީހަކީ ތިމާއެވެ. އޭގެ ފަހުންދަރިފުޅު ޓެކްނޮލޮޖީއާއެކު ކުރިއަށް ދިއުމަށް މަގުހުޅުވާލަދޭށެވެ. ތިމާއަށް ނޭނގޭ އެއްވެސް ކަމެއް ތިމާގެ ދަރިފުޅު ފޯނުން ނުވަތަ ޓެބްލެޓުން ނޫނީ ކޮމްޕިޔުޓަރުން ކޮށްގެންނުވާނެއެވެ. ކުދިން ގެންގުޅޭ ފޯނު، ޓެބްލެޓް ފަދަ ތަކެތި ބަރާބަރަށް މައިންބަފައިން ނުވަތަ ބެލެނިވެރިން ބަލައިޗެކް ކުރުން މުުހިންމުކަން ހަނދާނުން ކައްސާލައިގެންނުވާނެއެވެ. ގަވާއިދުން އޭގެ ސާޗް ‘ހިސްޓްރީ’ ބަލާ އެނގެން ޖެހޭނެއެވެ. އެއީ ބަރާބަރަށް ހާޒިރީ ބަލާހެން ބަލައި އެނގެން ޖެހޭ ކަންތައްތަކެކެވެ. އޭރުން ޔަގީނުންވެސް ދަރިފުޅު ކޮންމެވެސް ނޭނގޭ ކަމެއްގެ ޝިކާރައަކަށްވެފަ، ނޫނީ ކޮންމެވެސް ސައިބާ ބުލީ ގްރޫޕަކާއެކުގަ ހިމެނި ނުވަތަ ސައިބާ ބުލީގެ ޝިކާރައަކަށްވެ، ނޫނީ ތިމާގެ އަބުރު ވަޔާއިއެކު ދިމަދިމާއަށް ބުރައިގެންދާފަދަ އެއްވެސް ހިތިނަތީޖާއަކާ ކުރިމަތިލާން ނުޖެހޭނެކަން ޔަގީނެވެ. ކޮންމެ ކަމެއްގެވެސް ހެވާއި ނުބައި އޮންނަކަން އަބަދުވެސް ގަބޫލުކުރަން ވާނެއެވެ. މިފަދަ ޒަމާނެއްގައި ވަރަށް ވިސްނައިގެން ނޫނީ ކާމިޔާބު މަޔަކަށް،ބަފަޔަކަށް، ބެލެނިވެރިއަކަށް ނުވަތަ ދަރިއަކަށްވެސް ނުވެވޭނެއެވެ. އެކަމަށް ހިތްވަރާއި ހިންމަތާއެކު ތާއަބަދުމެ ނުމެރި ހުޅުވިފައި ހުންނަ ދެލޮލާއި ސިކުނޑިއެއް ބޭނުންވާނެކަން ޔަގީނެވެ.