ރެހެންދި ސްކޫލުގައި ބޭއްވި ކެޑޭޓް ކޭމްޕެއްގައި އަންހެން ދަރިވަރުންގެ ހެދުން ބާލުވައި އެ ކުދިން ގަޔަށް ޕްރެޝަރުގައި ފެންޖެހި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނާގޮތުގައި އަންހެން ދަރިވަރުންގެ ހެދުން ބާލުވައި ގަޔަށް ޕްރެޝަރުގައި ފެންޖެހި ކަމަށްބުނެ މީޑިޔާތަކުން ފަތުރަމުންދަނީ ދޮގު ހަބަރެކެވެ. އަދި ހަމައެއާއެކު އެ ކޭމްޕު ނިމުނުއިރު އެއްވެސް ބެލެނިވެރިއެއްގެ އަދި ދަރިވަރެއްގެ ފަރާތުންވެސް އެފަދަ ޝަކުވާއެއް ލިބިފައިނުވާ ކަމަށްް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަހުގެ 10 އިން 12 ވަނަ ދުވަހު ނިޔަލަށް ރެހެންދި ސްކޫލްގައި ބޭއްވި ކެޑޭޓް ކޭމްޕެއްގައި ބައިވެރިވި އަންހެން ދަރިވަރުން، އަންހެންކުދިންގެ ފާހާނާ ބަރި ކައިރިއަށް އެއްކޮށް އެ ކުދިންގެ އަންޑަގާމެންޓްސް ފިޔަވައި ލައިގެން ހުރި ހެދުން ކުދިންގެ ތެރޭގައި ބާލަން އަންހެން އިންސްޓްރަކްޓަރަކު އަންގާފައިވާ ކަމަށާއި ގިނަ ކުދިން އެއްޗެހި ބާލަން އިންކާރުކުރުމުން ވެސް އެކަން ކުރަން މަޖުބޫރު ކުރުވި ކަމަށް ބެލެނެވެރިޔަކު ވަނީ މީޑީޔާއަށް މައުލޫމާތު ދީފައެވެ. އެތަނުގައި ފިރިހެން ދަރިވަރުން ނެތްކަމަުގައިވިޔަސް އެގޮތަށް ކަންތައް ކުރުމަށް މަޖުބޫރުކުރުވުމުން އަދި ހުރިހާ ކުދިންތަކުގެ ތެރޭގައި ހެދުން ބާލުވައި ފެންޖެހުމުގެ ސަބަބުން ކުދިންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށްވެސް ބެލެނިވެރިންނާއި ހަވާލާދީ މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މިކޭމްޕުގައި ރެހެންދި ސްކޫލް ގުރޭޑު 8، 9، އަދި 10 ގެ 70 އަންހެން ދަރިވަރުންވަނީ ބައިވެރިވެފައެވެ.
މިނިސްޓްރީން ބުނާގޮތުގައި މިކޭމްޕުގައި 200 ކެޑޭޓުން (78 އަންހެން ދަރިވަރުންނާއި، 122 ފިރިހެން ދަރިވަރުން ) ވަނީ ބައިވެރިވެފައެވެ. އަދި ކެޑޭޓުގައި އަންހެން ދަރިވަރުންނަށް އަންހެން މުދައްރިސުން އަދި ފިރިހެން ދަރިވަރުންނަށް ފިރިހެން މުދައްރިސުން ވަނީ ހަރަކާތްތެރި ވެފައެވެ. ކޭމްޕް ކުރިޔަށް ގެންދެވުނުއިރު ކޮންމެ ދުވަހަކުވެސް ފީޑްބެކް ސެޝަންތައްކުރިއަށް ގެންގޮސްފައިވާއިރު ކުދިން އަދި ބެލެނެވެރިންގެ ފަރާތުންވެސް އެއްވެސް ޝަކުވާއެއް އައިސްފައިނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ، ސްކޫލް ބެލެނިވެރިއެއް ކަމަށް ބުނެ ނޫހަށް އެމައުލޫމާތު ދީފައިވަނީ އެ ސްކޫލްގެ ރަޖިސްޓްރީގައި ނެތް ފަރާތަކުން ކަމަށެވެ. އަދި އެކަން ކުށްވެރިކޮށް، ސްކޫލުގެ ނަމާއި ކެޑޭޓްކޯ އަދި ދަރިވަރުންގެ އަބުރާ ކަރާމާތް ގެއްލޭގޮތަށް އެފަދަ ވާހަކަތައް ނުފެތުރުމަށްވެސް މިނިސްޓްރީން އިލްތިމާސްކުރި އެވެ.