މަސް ދޯނިތަކުގެ ވަތުގައި ފެންފިނިކުރާ ނިޒާމެއް އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ސޯލާ ޕަވާ ސިސްޓަމެއް ގާއިމްކުރުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީއިން ހުޅުވާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީއިން ބުނާގޮތުގައި މަސްދޯނިތަކުގެ ވަތުގައި ފެންފިނިކުރާ ނިޒާމާއި، މަސްވެރި އުޅަނދުތަކުގައި ރެފްރިޖެރޭޓަޑް ސީ-ވޯޓަރ (އާރްއެސްޑަބްލިޔު) ސިސްޓަމް ނުވަތަ ވަތުގައި ފެންފިނިކުރާ ނިޒާމު ގާއިމުކުރުމަށާއި އިއާދަކުރަނިވި ހަކަތަ އުޅަނދުތަކުގައި ބޭނުންކުރުމަށް ސޯލާ ޕަވާ ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފައިނޭންސިން ފޯރުކޮށްދިނުމަށް ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ފައިނޭންސިން ހަމަޖެހިގެންދާނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހުޅުވާލާ ފައިނޭންސިން ސްކީމެއް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މިއީ ސަރުކާރުގެ ނޫ އިގުތިސާދު ސިޔާސަތުގެ ދަށުން މަސްވެރިން ބާނާ މަސް ތާޒާކަން މަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތެކެވެ. އޭގެ ސަބަބުން މަސްވެރިންގެ އެންމެ ބޮޑޫ ޝަކުވާއެއް ކަމަށްވާ އައިސް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ.
ފިޝަރީޒް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގަން ހަމަޖެހިފައިވާ މިޕްރޮޖެކްޓުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އާއެކު މިހާރު ވަނީ ސޮއިކޮށްފައެވެ.
މިޕްރޮޖެކްޓުގެ ދަށުން 2 ފިޔަވައްސަކަށް ބަހާލައިގެން ޖުމްލަ 200 މަސްވެރި އުޅަނދުގައި މިނސިސްޓަމްތައް ހަރުކުރުމަށް ރާވާފައިވާއިރު ފުރަތަމަ ފިޔަވަހީގައި 100 މަސްވެރި އުޅަނދުގައި އާރްއެސްޑަބްލިޔު ސިސްޓަމާއި ސޯލާ ޕަވާ ސިސްޓަމް ހަރުކުރެވިގެން ދާނެ ކަމަށާއި އެ ފިޔަވަހި ކުރިއަށް ދާނީ 2022 އަދި 2023 ގައި ކަމަށް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.
މިޕްރޮގްރާމްގައި ބައިވެރިވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ އުޅަނދުފަހަރަށެވެ. އެގޮތުން އެއުޅަނދަކީ ރަޖިސްޓަރީ ކުރެވިފައިވާ، މަސްވެރިކަން ކުރުމަށް މިނިސްޓްރީއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތް އުޅަނދަކަށް ވާންޖެހެއެވެ. އަދި މިހާރުވެސް މަސްވެރިކަމަށް ބޭނުންކުރާ 50 ފޫޓަށް ވުރެ ދިގު އުޅަނދަކަށްވާންޖެހއެވެ. އަދި ހަމައެއާއެކު މަދުވެގެން 15 ޓަނުގެ މަސް ރައްކާކުރެވޭނެ ކެޕޭސިޓީ ހުންނަ އުޅަނދަކަށް ވާންޖެހެއެވެ.
މީގެއިތުރުން އާރްއެސްޑަބްލިޔު ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ޖާގަ އެއުޅަނދުގައި ހުރުމަކީ ކޮންމެހެން ލާޒިމުކަމެކެވެ. މިޝަރުތުތައް ހަމަވާ އުޅަނދުތަކަށް މިޕްރޮގްރާމުގައި ބައިވެރިވެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ދެމަރުހަލާއަކަށް ބަހާލައިގެން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ފައިނޭންސިން ސްކީމްގައި ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން އެއްވެސް ލޯނެއް ނަގާފައިވާނަމަ އެ ފެސިލިޓީއަކަށް ފައިސާ އަނބުރާ ދައްކަމުންދާ ގޮތް ނުވަތަ ދައްކާފައިވާ ގޮތަށް ރިއާޔަތްކުރެވޭނެއެވެ.
އެގޮތުން ފުރަތަމަ މަރުހަލާގައި އެޕްލިކޭޝަންގައި ހުށަހަޅާ މައުލޫމާތާއި މިނިސްޓްރީގައި ރިކޯޑްކުރެވިފައިވާ މައުލޫމާތުގެ މައްޗަށް ރިއާޔަތްކޮށް އުޅަނދާއި ބެހޭ މައުލޫމާތާއި އެ އުޅަނދަށް ބޭނުންވާ އާރްއެސްޑަބްލިއު އަދި ސޯލާ ޕަވާ ޕެކްގެ ކެޕޭސިޓީ ދެނެގަނެވޭނެއެވެ. އަދި މި ސްކީމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޓެކްނިކަލް ސްޕެސިފިކޭޝަނަށްވެސް ބެލެވޭނެއެވެ.
އެއަށްފަހު އެ އުޅަނދަކަށް ބޭނުންވާ ސިސްޓަމް އެސްޑީއެފްސީގައިއިން ލިސްޓުކޮށްފައިވާ (އެމްޕެނަލްކޮށްފައިވާ) ސަޕްލަޔަރުންގެ ލިސްޓުން ހިޔާރު ކުރުމުގެ ފުރުސަތު އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަށް ލިބިގެންވާއިރު، ހިޔާރުކުރާ ސިސްޓަމަށް ބިނާކޮށް ފައިނޭންސިން ފެސިލިޓީގެ އަގު ކަނޑައެޅިގެންދާނީ ދެވަނަ މަރުހަލާގައެވެ.
މިޕްރޮގްރާމްގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހަޅާނީ
އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށެވެ. މިއަދުން ފެށިގެން ހުޅުވާލި މިފުރުސަތުގެ ސުންގަޑިއަކީ 31 ޑިސެމްބަރ 2022 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާއި ހަމަޔަށެވެ.