28 ޑިސެމްބަރު 2022، ދުވަހު ގެއްލިގެން ހޯދަމުންދާ، ހުވަދޫ މީހަކާއި ބަންގްލަދޭޝް މީހާ ދަތުރުކުރި ކަމަށްބުނާ ތެޔޮ ބޯޓު ފެނިއްޖެއެވެ. ބޯޓު ފެނިފައި މިވަނީ ބޯޓު ގެއްލުނުކަމުގެ ރިޕޯޓު ފުލުހުންނަށް ކުރި ދުވަހު އެވެ.
ބޯޓު ފެނުނުކަން ކަށަވަރުކޮށް ދެއްވުމަށް ފުލުހުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ހޯދަމުންދާ ގދ. ތިނަދޫ/ މަނާރު، މުހައްމަދު ނިޒާމް (45އ) އާއި ބަންގުލަދޭޝް ރައްޔިތެއް ކަމުގައިވާ މުހައްމަދު ލިޓަން (35އ) ދަތުރުކުރި ތެޔޮ ބޯޓު، އެއާޕޯޓް ނެރުކައިރިން އޮޔާދަނިކޮށް ބުރާސްފަތި ދުވަހު ފެނިފައިވާ ކަމަށެވެ. ނަަމަވެސް ބޯޓުގައި މީހަކުހުރި ވާހަކަ ބުނެފައެއް ނުވެއެވެ.
ފުލުހުން ރޭ ކުރި ޓްވީޓެއްގައި ތެޔޮ ބޯޓެއްގައި ދަތުރުކުރި މިދެމީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވިޔަސް ބޯޓު ފުރިކަމަށްވަނީ ބުދަ ދުވަހު ވިލިމާލޭން ކަމަށް ބުނެފައިވެއެވެ.
މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.