ކަންކަމުގައި އެއްސަފަކަށް ނުކުމެ ވާދަވެރި މާހައުލެއްގައި އުޅޭއިރު އެކަކު އަނެކަކަށް ހަސަދަވެ ވާދަކުރަންޖެހޭ މީހުން އަޑިއަށް ގަންބާލާފަ ކުރިއަރަން މަސައްކަތްކުރުމަކީ މޮޅުމީހުންގެ ގޮތެއް ނޫނެވެ. އެއިރުން އެހޯދެނީ ކާމިޔާބީއެއްވެސް ނޫނެވެ. ބައެއް ފަހަރު އަނެކާއަށް ލަނޑު ދީގެން ކާމިޔާބު ވިޔަސް ގިނަފަހަރު އެހެންމީހުންނަށް ލަނޑުދީ، ބޮލުގައި އަތްއަޅާ އަޑިއަށް ގަންބާލާ، ކުރިއަރައިދާން އުޅެން ހަދައިގެން އަމިއްލައަށް ފޭހޭ އިލޮށި އަމިއްލަ ލޮލަށް ހެރި، ތިމާގެ އަތުން އަމިއްލަ އަތުން ހެދޭ މަޅީގައި އަމިއްލައަށް ޖެހި ބެދޭ ހިސާބަށްވެސް ދެއެވެ.
އާދަނު އިސްމާއީލަކީ ރާއްޖޭގެ މަޝްހޫރު ރިޒޯޓެއްގެ ބަދިގޭގައި ކައްކާ މީހެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މީހެކެވެ. ރާއްޖެއިން ބޭރުގައި އެ ކުންފުނިން ހިންގާ ރިޒޯޓެއްގައި ބާއްވާ ކެއްކުމުގެ މުބާރާތަކަށް ރާއްޖޭގެ ރިޒޯޓުން ފޮނުވާނެ ކައްކާއަކު ހޮވަންވެގެން ރިޒޯޓުން ޗެލެންޖެއް ބޭއްވިއެވެ.
އެޗެލެންޖުގައި ހުރިހާ ޝެފުން ވެސް ވާދަ ކުރި އެވެ. އާދަނު ވަރަށް ދުރާލާ، އޭނާ ތައްޔާރު ކުރާނެ ޑިޝްއަކާ މެދު ވިސްނި އެވެ. އާދަނު ބޭނުންވީ އަމިއްލައަށް ޑިޝްއެއް އުފައްދާށެވެ. އާދަނު އެވާހަކަ އޭނާގެ ރައްޓެހިންނާއި އެކުގައި މަސައްކަތް ކުރާ ޝެފުންނާ ހިއްސާއެއް ނުކުރެ އެވެ. ކޮންމެހެން ހިތުގައި ކަމެއް އޮތީމަ ނުބުނަން ބޯހަރު ވެގެނެއް ނޫނެވެ. މުބާރާތެއް ވީމަ ކަމުގެ ގޮތުން ވަންހަނާކޮށްފައި ބޭއްވުމަކީ މިކަހަލަ ކަންތައްތަކުގައި އޮންނަ ރަނގަޅު ގޮތްކަމަށް އާދަނަށް ގަބޫލު ކުރެވޭތީއެވެ.
ކޮންމެއަކަސް ދުވަސް އައިސް ޖެހި މުބާރާތަށް ކައްކަން ފަށައިފިއެވެ. އާދަނު އޭނާ ތައްޔާރުކުރަމުން ދިޔަ ޑިޝް ނުނިމެނީސް ކުއްލިއަކަށް ދާން ޖެހިގެން ދިޔައީ ފާހާނާއަށެވެ. ދިޔުމުގެ ކުރިން އުނދުނުގެ ގިނިމަޑުކުރިކަން ޔަގީނެވެ. ކޮންމެއަކަސް ފާހާނާއިން ނިމިގެން ބަދިގެއަށް އައިސް ސެނެޓައިޒްކޮށް އަލުން އަންގި ލައްވައި ތައްޔާރުވެގެން އައިސް ތެލީގެ މަތި ނެގިއެވެ. އަރައިގެން ދިޔަ އާވިގަނޑުން އޭނާއަށް ދުވި ވަހާ މެދު ޔަގީންކޮށްލުމަށް ރަހަބަލައިލިއެވެ. އަބަދުވެސް އާދަނަކީ ކާތަކެތީގެ ވަހުން އޭގެ ރަހަ ހެޔޮވަރު ކުރާ މީހެކެވެ. ރަހަ ބަލާކަށް ނުވެސް ޖެހޭނެ އެވެ. އެހެންނަމަވެސް ހިތްޝައްކު ވާކަހަލަ ވަހެއް ހުރުމުން ރަހަ ބަލައިލާން ޖެހުނީ އެވެ. ހައިރާންކަން ބޮޑުވެ ސިހިގެން ދިޔައީ މުޅިން ތަފާތު ރަހައެއް ލުމުންނެވެ. ކެއްކުމަށް އާދަނު މިއަދު ބޭނުން ނުވެސް ކުރާ ބާވަތްތަކެއްގެ ރަހަވެސް އެބަހުއްޓެވެ.
ޑިޝް ކެންސަލް ކޮށްފައި އަލުން ތައްޔާރު ކުރާނެ ވަޤުތު ނެތުމުން އެ ވީ ގޮތަކާމެދު ވިސްނަން ނުހުރެ، އިހަށް ހަމަ އެއަށް އިތުރު އެއްޗެތި އަޅައިގެން ތަފާތު ރަހައެއް ލެއްވޭތޯ މަސައްކަތް ކުރަން ފެށިއެވެ. ކާމިޔާބާއި ނާކާމިޔާބު، ވަނައެއް ލިބުމާއި އަންކޮލިފައިޑު ވުން އާދަނު ވަކީލު ކޮށްލީ ﷲ ތައާލާ އަށެވެ.
އާދަނު އޭނާގެ ޑިޝް ވީހާ ރަނަގަޅަކަށް، ވީހާ މީރުކޮށް ތައްޔާރުކުރަން މަސައްކަތް ކުރިކަން ޔަގީނެވެ. އަތްމަތި ވަރަށް އަވަސްކޮށް ތެޅި ފޮޅިގެން އެކަން ނިންމަންޖެހޭ ގަޑިއަށް ނިންމައި ފަނޑިޔާރުންގެ މޭޒުމައްޗަށް ޑިޝް އެރުވިއިރު މީހާ ހުރީ ނޭވާ އުފުރޭ ވަރުވެފަ އެވެ.
ކޮންމެ މީހަކަށްވެސް އެމީހަކު ތައްޔާރު ކުރި އެއްޗެއް ތައްޔާރު ކުރި ގޮތާއި ރެސިޕީ ކިޔައިދޭން ޖެހުނެވެ.
ކޮންމެ ކައްކާއަކުވެސް ބުނަމުން ދިއައީ އެއީ މިވެނި ގައުމެއްގެ މިވެނި ނަމެއް ކިޔާ ޑިޝްއެއް ކަމަށެވެ.
އާދަނުގެ ނަންބަރު ޖެހުނެވެ. ކުޑަކޮށް ނޯށަށް އަރާ ކަހަލަ އަޑެއް ހުންނަ އިސްކޮޅުން ކުރުވެފައި ކަޅުވިޔަސް އިނގިރޭސިން ވާހަކަ ދެއްކުމުގައި ރާގާއި ބަސްމަގު ބްރިޓިޝްމީހަކަށް ދޫނުކުރާ އާދަނު އޭނާގެ ޑިޝްއަށް ތައްޔާރުވި ގޮތާއި މިތަނަށް އައިސް ޑިޝް ހެދުމަށް ކުރި މަސައްކަތާއި މަސައްކަތް ނިމެން ވެފައި ހުއްޓާ ފަސްވަރަކަށް މިނިޓަށް އެތަނުން ދުރަށް ދާން މަޖުބޫރުވުމުން ގޮސްފައި އެތަނަށް އެނބުރި އައި އިރު ކަންތައް ވެފައި އޮތް ގޮތް ހަމަ ފިލިން ފިއްޔަަށް އާދަނު ޖަޖުންގެ ޕެނަލްއަށް ކިޔައި ދިނެވެ. އާދަނު ބުނީ އޭނާ މިމުބާރާތަށް ހުށަހަޅަން ބޭނުންވި ޑިޝް ތައްޔާރު ނުކުރެވުނު ކަމަށެވެ. ނަމަވެސް އޭނާގެ އެ ޑިޝްއަކީ މުޅިން އަމިއްލަ އުފެއްދުމެއް ކަމަށާއި މުބާރާތުގައި ބައިވެރި ނުކުރެވުނު ނަމަވެސް އާދަނު އެދުނީ އެހެން ފުރުޞަތެއްގައި މުޅިން އައު މި ރެސިޕީގެ އެޑިޝް ފަނޑިޔާރުންނަށް ކާންދިނުމުގެ ފަހުރާއި ޝަރަފު ދެއްވުމަށެވެ.

ފަނޑިޔާރުން އެކަކު އަނެކަކުގެ ކަންފަތްދޮށަށް ގުދުވެ އަތް އަޅައިގެން ސިއްރު ވާހަކަތަކެއް ދެއްކިއެބެ. އާދަނު ހުރީ ހަތަރެސްފައި ފިނިވެ އޮށްދާ ހިއްލާ މޭގަނޑު އަނގައަށް އަންނަވަރު ވެފައެވެ.
ހައިރާންވެ ސިހުމަކާއެކު ފާޑަކަށް ރޮވުނީ ފަނޑިޔާރުންނަށް އެންމެ ކަމުދިޔަ ޑިޝް އިއުލާން ކުރުމުންނެވެ. ކާމިޔާބީއާއެކު އޮސްޓްރޭލިޔާގައި ހުޅުވާލެވޭ މުބާރާތަށް ދިއުމުގެ ފުރުޞަތުވެސް ލިބުނެވެ.
މުބާރާތުގައި އާދަނާ ވާދަކުރި ހޭންޑްސަމްކަމަށް ދައުވާ ކުރާ، މާ ކާމިޔާބު ކަމަށް އަޑުއުފުލާ ތިން ޝެފުންގެ ތެރެއިން އެކަކުގެ އައިޓަމްވެސް ގަދަ ތިނެއްގެ ކީއްކުރަން ފަހެއްގެ ތެރެއަކުވެސް ނުހިމެނުނެވެ. ބާކީ ދެވަނަ ލިބުނީ އެމީހުންގެ އުނދަގުލުން ސަލާމަތް ނުވެގެން އަބަދު ރޮވިފައި ހުންނަ ތަންކޮޅެއް އުމުރުން ދުވަސްވީ ޝެފަކަށެވެ. އަދި ތިންވަނަ ލިބުނީ “ރަނޑު،”މިލަގަބު ދީގެން އަބަދު ދިމާކުރުމުން ހާސްވެފައި ހުންނަ ޝެފަކަށެވެ.
އޮސްޓްރޭލިޔާ އާއި ބެންކޮކުގެ ދެ މުބާރާތުންވެސް އާދަނަށް ރިއްސަކާއި ބްރޮންސް މެޑަލް ލިބުނެވެ. ގައުމުގެ ނަމާއި އަމިއްލަ ނަން ބައިނަލްއަގުވާމީ ނޫސްތަކުގައާއި ދިވެހިމީޑިޔާގެ ވެސް މައި ސުރުހީއަކަށް ބައިނަލްއަގުވާމީ އެންމެ މޮޅު ފަސް ޝެފުންގެ ތިންވަނައަކަށް އާދަނު އިސްމާއީލު ހޮވުނެވެ.
މުބާރާތްތަކާއި ވޯކްޝޮޕްތައް ނިމިގެން އެނބުރި އައުމުން ވަޒީފާގެ ތަރައްގީވެސް ލިބުނެވެ.
ޔަގީނުންވެސް އެދުވަހުގެ މުބާރާތުގައި އާދަނަށް ލަނޑު ދިނުމަށްޓަކައި އޭނާ ކައްކަމުން ދިޔަ ކާއެއްޗަށް އެޔާ ނުގުޅޭ އެސެންސާއި އެހެންވެސް އެހެން ރަހަތަކުގެ ތަކެތި އެއަށް އަޅާ އެއްކުރިއެވެ. އެހެންނަމަވެސް އޭނާގެ ބުރަ މަސައްކަތާއި ގަދަފަދަ ހިތްވަރާއި އިންތިހާ ތެދުވެރިކަން ފަނޑިޔާރުންނަށް އާދަނުގެ ފުށުން އެމީހުން ބޭނުންވާ ފަދަ “ޝެފެއް”ގެ ސިފަ ފެނުނީއެވެ.
ކަންކަމުގައި ކުރިއަރަން މަސައްކަތްކުރަންވީ ހިތްވަރުންނެވެ. ބުރަމަސައްކަތުންނެވެ. މޮޅަށް ކަންކަން ކުރަން ވިސްނައިގެންނެވެ.
އާއެކެވެ. މީހަކު ކިތަންމެ ބޮޑު ލަނޑެއް ދޭން މަސައްކަތް ކުރިއަސް ތިމާ މީހާ އަމިއްލަ ނަފުސަށް ކުރާ އިތުބާރާއި ކުރާ މަސައްކަތަށް ދޭ އަހައްމިއްޔަތުކަމާއި އަނެކުންނަށް ފެނިދެއްކުމުގައި ދެފުށް އެއްގޮތަށް ވުމުން، ކަންކަމުގައި ކާމިޔާބީއާ ހަމައަށް ދިޔުމަށް މަގުފަހި ވެގެންދާނެކަން ޔަގީނެވެ.