ލެސަންޕްލޭން ހަދައި ފިލާވަޅު ތައްޔާރު ކުރާއިރު ވަރަށް ގިނަ މުހިންމު ބައިތައް އެކުލެވިފައިވެއެވެ. އެގޮތުން އާއްމު ބައިތަކުގެ ތެރޭގައި
1) ފިލާވަޅު ފެށުން،
2) މައިގަނޑު
3) ނިންމުން ހިމެނެއެވެ.
މި 3 ބައި ވެސް މިއީ ލެސަންޕްލޭނެއްގެ ވަރަށް ބޭނުންތެރި ބައިތަކެކެވެ. މިގޮތުން މިބަލައިލަނީ ފިލާވަޅުގެ ނިންމުމަށެވެ. މިއީ ލެސަން ޕްލޭންގައި ލިޔެފައި އޮތް ނަމަވެސް ވަރަށް ގިނަފަހަރަށް ވަގުތަށް ސަމާލުކަން ނުދެވިއްޖެނަމަ މުދައްރިސުންނަށް ފުރިހަމައަށް ނުގެންދެވޭ ބައެކެވެ.
ނަމަވެސް ފިލާވަޅެއްގެ ނިންމުމަކީ ވަރަށް ރަނގަޅަށް ހުރިހާ މުދައްރިސުން ވެސް ތައްޔާރު ވާން ޖެހޭ ބައެކެވެ. ފިލާވަޅުގެ ނިންމުން ފުރިހައަށް ގެންދެވިއްޖެނަމަ އެދުވަހުގެ އުނގެނުން ކާމިޔާބުވި މިންވަރު މުދައްރިސަށް ފަސޭހަ ކަމާއެކު އަޅާ ކިޔައި ދެނެގަނެވޭނެ އެވެ. ނުވަތަ އެސެސް ކޮށްލެވެއެވެ.
ރިފްލެކްޓިވް ބީޗް ބޯލް

ނިންމުން ވަރަށްމަޖާ ގޮތަކަށް ގެންދަން ބޭނުންނަމަ “ރިފްލެކްޓިވް ބީޗް ބޯލް” ކުޅެވިދާނެއެވެ. މި ގޮތަށް މިހަރަކާތް ގެންދަނީ ބޯޅައެއްގައި ފިލާވަޅުން “ރިފްލެކްޓް” ކޮށްލަން ބޭނުންވާ ސުވާލުތައް ލިޔެގެންނެވެ.
މިސާލަކަށް:
• މިފިލާވަޅުން އެންމެ ބޮޑަށް އެނގިގެންދިޔަ އެންމެ އެއްޗެއް؟
• ފިލާވަޅުން ދިމާވިގޮންޖެހުމެއް؟
• ފިލާވަޅު ގެންދިޔަގޮތާއި ބެހޭ ގޮތުން ކުރެވޭ އިޙްސާސްތައް؟
• ފިލާވަޅުން އެންމެ ޝައުޤުވެރިވި ކަމެއް؟
• އެއްވެސް އެހެންކުއްޖަކަށް އެހީތެރިވެވުނުތަ؟
• މިއަދު ކިޔެވި ފިލާވަޅުން އެއްވެސް ބައެއް އެހެން މާއްދާއަކުން ކިޔަވައި ދެވުނުތަ؟
• މިއަދު އެނގުނު މަޢުލޫމާތުތައް ޚުލާސާކޮށް ކިޔައިދެވިދާނެތަ؟

