ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފާޅުވުމަކީ ޤިޔާމަތުގެ ބޮޑު ޢަލާމާތެކެވެ. މިއީ ފަހު ޒަމާނުގައި ހިނގާނޭ ކަމެކެވެ. މި ކަން އަދި ހިނގާފައެއް ނުވެއެވެ. ޞައްޙަ ޙަދީޘްތަކުން އެނގޭ ގޮތުގައި މި ކަން ހިނގާނީ ޢީސާ عَلَيْهِ السَّلَام ފައިބައިވަޑައިގެންނެވުމަށް ފަހުގައެވެ. ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނަކީ އާދަމުގެ ދަރިންތަކެކެވެ. އެބައިމީހުން ވައްތަރުވާނީ މުޣޫލުންނާ (Mongols)އެވެ. ކަހްފު ސޫރަތުގައި ބަޔާންކުރައްވައިފައިވާ ގޮތުގައި ޛުލްޤަރްނައިނި ވަނީ ވަރުގަދަ ހުރަހެއް ހައްދަވައި، އެބައިމީހުން ބިމުގައި ފަސާދަކުރުން ހުއްޓުވައިފައެވެ. އެބައިމީހުން ބަންދުކުރެވިފައި ތިބީ އިރުމަތީ ފަރާތުގެ ރަށެއްގައެވެ. އެއީ ދެ ފަރުބަދައެއްގެ ދެމެދެވެ. އެ ތަނުގައިވާ ހުރަސް ޛުލްޤަރްނައިނި ހައްދަވައިފައި ވަނީ އެ ދެ ފަރުބަދަ އެއްވަރުކުރެއްވުމަށް ފަހު ދަގަނޑު ދޮންކޮށް، އޭގެ މައްޗަށް ވިރުވައިފައިވާ ރަންވަންލޮއި އޮއްސައިގެންނެވެ. މި ހުރަސް ހުރި ތަނެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ.
الْأَنْبِيَاء ސޫރަތުގެ 96–97 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. “(96)ޔައުޖޫޖު މައުޖޫޖު ބާގައިމީހުން ވީއްލި، ހުރިހާ އުސް ތަންތަނުން ފައިބައިގެން އެބައިމީހުން އަތުވެއްޖައުމަށް ދާންދެނެވެ. (97)އަދި ޙައްޤު ތެދު ވަޢުދު (އެބަހީ: ޤިޔާމަތްވުމުގެ ވަގުތު) ގާތްވެއްޖެއެވެ. ފަހެ، އެހާރުން ކާފިރުވި މީހުން (ބިރުން) ލޯތައް ބޮޑުވެފައިވާނެއެވެ. (އަދި ބުނާނެއެވެ.) އޭ ތިމަންމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން ތިމަންމެން ތިބީ މި ކަންތައްތަކާ މެދު ޣާފިލުކަމެއްގައެވެ. އަދި ކިއެއް ހެއްޔެވެ! ތިމަންމެންވީ އަނިޔާވެރި ބަޔެއްކަމުގައެވެ.”
އެބައިމީހުންގެ ކަންފަތްތައް ވަރަށް ބޮޑުވާނެކަމަށް ބައެއް ރިވާޔަތްތަކުގައި ވާރިދުވެފައި ވިޔަސް އެ ކަން ޞައްޙަ ޙަދީޘަކުން ޘާބިތުވެފައި ނުވެއެވެ. ކޮންމެ ދުވަހަކު ވެސް އެބައިމީހުން ދަނީ އެ ހުރަސް ފޫއަޅުވައިލުމަށް ޓަކައި ކޮންނަމުންނެވެ. ކޮންމެ ދުވަހަކު ވެސް ފޫއަޅުވައިލަން ކައިރިވެފައިވަނިކޮށް އެބައިމީހުންގެ ބޮޑަށް ހުންނަ މީހާ ބުނެއެވެ. “މާދަމާ އެނބުރި އަންނާށެވެ. މާދަމާ ފޫއަޅުވައިލެވޭނެއެވެ.” އަނެއް ދުވަހު އަންނައިރު އިހަށް ވުރެ ވަރުގަދަކޮށް، ﷲ تعالى އެ ތަން އިޢާދަކުރައްވައެވެ.
ދެން ފަހެ އެބައިމީހުން ނުކުތުމަށް ﷲ تعالى އިރާދަކުރައްވާ ވަޤުތު ގާތްވުމުން، އެބައިމީހުންގެ ބޮޑަށް ހުންނަ މީހާ ބުނެއެވެ. “ފަހުން އެނބުރި އަންނާށެވެ. ﷲ ގެ އިޛުނަފުޅާ ލައިގެން މާދަމާ ތިޔަބައިމީހުންނަށް (މި ތަން) ފޫއަޅުވައިލެވޭނެއެވެ.” އެފަދައިން ބުނެފައި ފަހުން އަންނައިރު އެ ތަން ހުންނާނީ އެބައިމީހުން ދިޔައިރު އެ ތަން ހުރި މިންވަރަށެވެ. ދެން އެބައިމީހުން އެ ތަނުން ނުކުމެ ވަރަށް ބާރު ދުވެލީގައި ދަތުރުކުރަމުން ދާނެއެވެ. ކޯރުތަކުގެ ފެން ބޮއެ ހުސްކުރަމުން، ބިމުގައި ފަސާދަކުރާނެއެވެ. އެބައިމީހުންނާ ހަނގުރާމަކުރުމުގެ ކުޅަދާނަކަން އެއްވެސް ބަޔަކަށް ލިބިގެނެއް ނުވާނެއެވެ. ފަހެ ޢީސާ عَلَيْهِ السَّلَام އަށް އަމުރުކުރެއްވޭނީ ޠޫރު ފަރުބަދައަށް ގޮސް، އެ ތަނުގައި ރައްކާތެރިކަން ހޯއްދެވުމަށެވެ. އެބައިމީހުންގެ ފަސާދަ ބޮޑުވުމުން އެކަލޭގެފާނު ދުޢާކުރައްވާނެއެވެ. އޭގެ ސަބަބުން އެބައިމީހުންގެ ކަރުގައި ފަންޏެއް އަޅާފައި، އެބައިމީހުން މަރުވެ އެ ފިތުނަ ނިމިގެންދާނެއެވެ. ދުޢާއަކީ، ﷲ تعالى އަޅަމެން އެންމެން އެބައިމީހުންގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމެވެ! އާމީން.
މައުލޫމާތު:الشَيْخ عِمْرَان مُحَمَّد عَلِي ދީނުގެމަގު