ޖުވާކުޅުމަކީ މޮޅުވާ މީހާ ދެރަވާ މީހާގެ އަތުން އެއްޗެއް ހޯދުމަށް ޝަރުޠުކޮށްފައި ކުޅޭ ކުޅިވަރުތަކެވެ. އެފަދަ ކުޅިވަރުތައް ކުޅުން އިސްލާމްދީނުގައި ވަނީނަހީކުރައްވައިފައެވެ. ﷲ تعالى ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. “(90)އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ރާއާއި، ޖުވާކުޅުމާއި،އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެތިޔަބައިމީހުން އެ ތަކެއްޗާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ކާމިޔާބު ލިބުމަށް ޓަކައެވެ. (91)ޝައިޠާނާ އެދޭކަން ކަށަވަރީ، ރާއާއި،ޖުވާގެ ސަބަބުން ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި ނަމާދުކުރުމަށް ތިޔަބައިމީހުންނަށްހުރަސްއެޅުމަށެވެ. ފަހެ ތިޔަބައިމީހުން ތިޔަ ތިބީ އެ ކަންތައްތައް ހުއްޓާލަން ހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)” (سورة المائدة ٩٠ – ٩١)
ޖުވާގެ ހުރިހާ ބާވަތެއް ވެސް ޙަރާމްކަމުގައި ފިޤުހުވެރިންވަނީ އެއްބަސްވެވަޑައިގެންފައެވެ. އިހުޒަމާނުގައި ޖުވާގެ ގޮތުގައި ކުޅެއުޅުނު ބައެއް ކުޅިވަރުތަކުގެ ތެރޭގައިޑައިސްގެ ކުޅިވަރުތަކާއި ރާޒުވާއާ އަދި ހިލައިންނާ އެނޫން ތަކެތި ބޭނުންކޮށްގެން ކުޅުނު ކުޅިވަރުތައް ހިމެނެއެވެ. މިޒަމާނުގައި ވެސް Roulette އާއިBlackjack އާ މިފަދަ އެތައް ނަމެއްގައި މި ކުޅިވަރުތައް ކުޅެއެވެ. އަދި މީގެ ވަރަށް ގިނަ ކުޅިވަރުތައް (ގޭމުތައް) އެޕްލިކޭޝަންތައް މެދުވެރިކޮށްއޮންލައިންކޮށް، ފައިސާ ދައްކައިގެން ވެސް މީސްތަކުން ކުޅެއުޅެއެވެ. ޖުވާކުޅުން ނަހީކުރައްވައިފައިވާ ބައެއް ޙިކުމަތްތަކުގެ ތެރޭގައި: އެއީ މީސްތަކުންގެމެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އިތުރުވެގެންދާ ކަމަކަށްވުމާއި ﷲ ހަނދުމަކުރުމުން އިންސާނާ ޣާފިލުކުރުވާ ކަމަކަށްވުމާއި ބާޠިލުގޮތުގައިމީސްމީހުންގެ މުދާ ކެއުމަށް މަގުފަހިކުރުވާ ކަމަކަށްވުން ހިމެނެއެވެ. އަދި މިފަދަ ކުޅިވަރުތައް ކުޅެގެން ލިބޭ ގެއްލުންތައް ފޫ ނުބެދި، ބައެއް ފަހަރު މުޅި މީހާދަރާވިކިގެން ދެއެވެ. އަދި މިކަމުގެ ސަބަބުން ނުބައި ނުލަފާ މީހުންގެ އަތްދަށުވެގެން ދެއެވެ.
ޖުވާކުޅުމަކީ ބޮޑު ފާފައެކެވެ. ފަހެ މިކަމަށް އަރަގަނެވިފައިވާ މީހަކު ނަމަ މި ފާފައަށް ތައުބާވާން ޖެހޭނެއެވެ. އަދި ކޮންމެވެސް މިންވަރެއް ޞަދަޤާތްކުރަންވާނެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. “މީހަކު އޭނާގެ އެކުވެރިޔާގެ ގާތުގައި: ‘ޖުވާކުޅެން އަންނާށޭ’ މިފަދައިން ބުނެފި ނަމަ ފަހެ ޞަދަޤާތެއް ކުރާށެވެ.” [رواه البخاري (4860)] މި ޙަދީޘަށް އިޝާރާތް ކުރައްވަމުން އިމާމު އައްޛަހަބީ رحمه الله ވިދާޅުވިއެވެ. “އެފަދައިން ހަމައެކަނި ބުނެލުމުން ކައްފާރާއެއް ނުވަތަ ޞަދަޤާތެއް ދޭން ޖެހޭއިރު އެކަންކުރުމުގެ ނުބައިކަމާ މެދު ވިސްނާލާށެވެ.”
ދުޢާއަކީ، ﷲ تعالى މިފަދަ އެންމެހާ ފާފަތަކުން އަޅަމެން ދުރުހެލިކުރައްވައި އަޅަމެންނަށް ދެއްވައިފައިވާ ރިޒްޤާއި މުދަލުގައި ބަރަކާތް ލެއްވުމެވެ.
މައުލޫމާތު: الشَيْخ عِمْرَان مُحَمَّد عَلِي ދީނުގެމަގު