ސަރުކާރުން ޖީއެސްޓީ ބޮޑުކުރުމާއި އެކު މުދަލާއި ޚިދުމަތްތަކުގެ އަގުތައް އިންތިހާއަށް އަރައިގެން ދިޔުމާއި ގުޅިގެން އެކަން ކޮންޓްރޯލް ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރު ބަލައިނުގަނެ ތަޅުމުން ބޭރުކޮށްލައިފިއެވެ.
ރާއްޖޭގައި މުދަލުން ނަގާ ޖީއެސްޓީ ބޮޑުކުރުމުގެ އިތުރުން ދިވެހިން ދިރިއުޅުމުގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެއްޗާއި މުދަލާއި ހިދުމަތުގެ އަގު ޖެނުއަރީ މަހުން ފެށިގެން 7 އިންސައްތަ ބޮޑުވެފައިވާ ކަމަށް އެ ގަރާރުގައި ވަނީ ބުނެފައެވެ.
މިގައުމުގައި ތަކެތީގެ އަގު ބޮޑުވުމާއި، ކަރަޕްޝަނާއި ފަސާދައާއި މިކަންކަނ ބޮޑުވެގެން ދާއިރު މި މަޖިލިސްއަށް ޒިންމާ އަދާނުކުރެވިގެން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރުނެތްކަމުގެ ވޯޓު ނުނެގޭ ކަމަށްވަންޏާ އަޅުގަނޑުމެން މުނައްވަރު އެ ވިދާޅުވިހެން ގެއަށް ކަނޑާލަންވީ އާދަމް ޝަރީފް ވިދާޅުވިއެވެ.
ފާއިތުވި އަހަރުގެތެރޭގައި އިންފްލޭޝަން ރޭޓަށް ބަލާ ނަމަ ނިސްބަތުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި 75 އިންސައްތައަށްވުރެ އިންފްލޭޝަން އުފުލިފައިވާ ކަމަށް ވެސް އެ ގަރާރުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އަގުތައް 4.3 އިންސައްތަ ބޮޑުވެފައިވާކަން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސް ހިސާބުތަކުން ހާމަވާ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.
މި ޤަރާރު ބަލައިގަންނަ ނުފެންނަކަމަށް 35 މެމްބަރުން ވޯޓް ދެއްވިއިރު، މި ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވާފައިވަނީ 16 މެމްބަރުންނެވެ.