ތިން ކަމަކަށްޓަކައި ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ތައުބާ ވާޖިބުވެގެންވެއެވެ. މިހެން ބުނެފައިވަނީ، “ތައުބާގެ އަހައްމިއްޔަތާއި އޭގެ ދައުރު” މިމައުޟޫއަށް ތައްޔާރު ކުރެވިފައިވާ މިއަދުގެ ޚުޠުބާގައެވެ.
ފުރަތަމަ ކަމަކީ:
ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢުޤޫބާތުން ތިބާ ރައްކާތެރިކަން ހޯދުމެވެ.
ދެވަނަ ކަމަކީ:
ތިބާގެ ޢަމަލުތައް ﷲ ސުބުޙާނަހޫ ވަތަޢާލާ ޤަބޫލުކުރައްވާ ޢަމަލުތަކަކަށް ހެދުމެވެ.
ތިންވަނަ ކަމަކީ:
ޞާލިޙު ޢަމަލުތައް ކުރުމުގައި ހެޔޮ ތަޢުފީޤު ލިބިގެނަވާ މީހަކަށް ތިބާ ވުމެވެ.
ފާފައެއް ކުރެވުމަކީ އަމިއްލަނަފްސަށް އަނިޔާވެރިވުން ކަމުގައި ސިފަކުރައްވާފައިވާ މި ޚުޠުބާގައި އިތުރަށް ބުނެފައިވަނީ، ތިބާއަށް ފާފައަކަށް އަރައިގަނެވިއްޖެ ނަމަ ޝައިޠާނާ ދެން މަސައްކަތް ފަށަނީ، ތިބާގެ ތައުބާ ލަސްކުރުވުމަށެވެ.
ހަމައެފަދައިން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތުން ތިބާ މާޔޫސްކުރުވައި ތިބާގެ ތައުބާ ލަސްކުރުމަށް ވެސް އެޝައިޠާނާ މަސައްކަތް ކުރެއެވެ.
قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًاۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ ﴿الزمر٥٣﴾
ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
َޤުރުއާނުގެ އާޔަތްތަކުންނާއި ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުތަކުން ޘާބިތު ހެކި ގެނެސްދީ ޚުޠުބާ ނިންމާލާފައި ވަނީ ތައުބާވުމަށް ނަސޭޙަތްތެރިވެ، އެންމެހާ މުސްލިމުންނަށް، އެކަމަށް ބާރުއަޅަމުންނެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ގިނަގިނައިން ތައުބާވާ މީހުންގެ ތެރެއިން އަޅަމެން ލައްވާށި!

