ސީރިޔާގައި ޙަރަކާތްތެރިވާ އެމެރިކާ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ވެއްޓި، ސިފައިންގެ 22 މީހަކަށް އަނިޔާވެއްޖެ ކަމަށް އެމެރިކާއިން ބުނެފިއެވެ.
އާދީއްތަ ދުވަހު ހިނގި މި ޙާދިސާގެ މަޢުލޫމާތު އެމެރިކާގެ އަސްކަރިއްޔާއިން ހާމަކޮށްފައި ވަނީ ހޯމަދުވަސް ނިމެން އުޅެނިކޮށް ކަމަށް ރޮއިޓާސް އިން ބުނެފައިވެއެވެ. މިޙާދިސާ ހިނގަން މެދުވެރިވި ސަބަބަކާއި، އަނިޔާވި ފަރާތްތަކަށް ލިބުނު އަނިޔާތަކާއި ގުޅޭ ތަފްޞީލެއްވެސް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.
ސީރިޔާގެ އިރުއުތުރުގެ ސަރަޙައްދެއްގައި ހިނގި މިޙާދިސާ ގައި އަނިޔާވި 10 ފަރާތެއް އެހެން ސަރަޙައްދެއްގައިވާ ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާދޭ މަރުކަޒަކަށް ގެންދެވިފައި ވާކަމަށް އެމެރިކާ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ވެސް ވަނީ ބުނެފައެވެ.
އެ ފަރާތުން އިތުރަށް ބުނެފައިވަނީ މިޙާދިސާ ހިނގީ ދުޝްމަނުންގެ ޙަމަލާއެއްގެ ސަބަބުން ނޫންކަން ސީރިޔާގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިން ވަނީ ކަށަވަރު ކޮށްދީފައި ކަމަށެވެ. އަދި މިޙާދިސާ އެފަރާތަތްކުން މިހާރު ތަޙްޤީޤު ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ކުރެވުނު މަސައްކަތަށް ސެންޓްރަލް ކޮމާންޑުގެ އޮފިޝަލުން އަދި ޖަވާބެއް ދެއްވާފައި ނުވާކަމަށް ރޮއިޓާސް އިން ބުނފައިވެއެވެ.
ސީރިޔާގެ އުތުރުގައި އެމެރިކާގެ 900 އެއްހާ ސިފައިންގެ ލަޝްކަރެއް ޙަރަކާތްތެރިވަމުން ދަނީ އެސަރަޙައްދުގައި ބާކީތިބި އައި.އެސް.ގެ ހަނގުރާމަވެރިންގެ ބާރު ކަނޑުވައިލުމަށް ކަމަށް އެމެރިކާއިން ބުނެއެވެ. އެމެރިކާގެ މިލަޝްކަރަށް ދޭތެރެ ދޭތެރެއިން ދުޝްމަނުންގެ ޙަމަލާތައް ކުރިމަތި ވަނުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއިން ފުރަތަމަ ސީރިޔާއަށް ސިފައިން ފޮނުވާފައިވަނީ ރައީސް އޮބާމާގެ ވެރިކަމުގައެވެ.

