ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު ބާއްވާ ރަސްމީ މަޝްވަރާތައް މިއަދު ފަށަން ތައްޔާރުވާންފަށައިފިއެވެ.
މި ބައްދަލުވުމަކީ މިއީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. މަޝްވަރާ ތަކުގައި ބައިވެރިވާ ރާއްޖޭގެ ވަފުދު ލީޑުކުރައްވާނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު އެވެ. ފޮރިން މިނިސްޓްރީގެ އިތުރުން، ރައީސް އޮފީސް، އިކޮނޮމިކް މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ، އެންވަޔަރަމަންޓު މިނިސްޓްރީގެ އިތުރުންނާއި ފުލުހުންގެ އިދާރާ އަދި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އޮފިޝަލުން އެ ވަފުދުގައި ހިމެނެ އެވެ.
މި އަހަރު މި ބައްދަލުވުން ބާއްވަނީ ބެލްޖިއަމްގެ ވެރިރަށް ބްރުސެލްސްގަ އެވެ. މި ބައްދަލުވުމުގައި އެޖެންޑާގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ދައުލަތް ހިންގުން، ޑިމޮކްރަސީ، އިންސާނީ ހައްގުތައް، ޝަރުއީ ދާއިރާ، އިގުތިސާދީ ދާއިރާ ހިމެނެ އެވެ. މީގެއިތުރުން ދީނީ ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް އީޔޫ އާއި ރާއްޖެއިން އެކުގައި މަސައްކަތް ކުރުމާމެދު މި ބައްދަލުވުންތަކުގައި މަޝްވަރާކުރެވިގެންދާނެ އެވެ.
މީގެ އިތުރުން މަސްވެރިކަމާއި ފަސޭހަ ގޮތުގައި ދިވެހިންނަށް ޝެންގެންގެ ވިސާ ލިބޭނެގޮތް ހަމަޖެއްސުމާއިމެދު ވިލާތުގެ ގައުމުތަކާއިއެކު މަޝްވަރާކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ފަހަރު ބާއްވާ ބައްދަލުވުމަކީ މި ގޮތަށް ބާއްވާ ހަތަރުވަނަ ބައްދަލުވުމެވެ. މި އަހަރުގެ ބައްދުލުވުމަށް ރާއްޖޭގެ ވަފުދު ބެލްޖިއަމްއަށް ފުރީ މިދިޔަ އާދިއްތަ ދުވަހުއެވެ.