ރައްޔިތުން މަޖިލީހުގެ މިއަދު ޖަލްސާގައި ލިބިވަޑައިގެންނެވި ފޯން ކޯލްއަކާއިއެކު ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ޖަލްސާ ނިންމަވާލައިފިއެވެ.
ރިޔާސަތުގައި އިންނަވައި ފޯން ނެންގެވުމަށްފަހު ” އާދެ މަޖިލިސް މި ނިންމާލަނީ” ކަމުގައި އަފީފް ވިދާޅުވިއެވެ.
މަޖިލިސް އެންމެ ހަލަބޮލިވި ވަގުތު، ރިޔާސަތުގައި އިންނެވި އަފީފަށް ފޯނު ކޯލެއް އައި މަންޒަރު ލައިވްކޮށް ބްރޯޑްކާސްޓް ކުރި ޖަލްސާ އަށް ފެނެއެވެ. އަދި މައިކު ކަނޑާ ނުލައި ހުރުމުން ފޯނުން ދެއްކެވި ވާހަކަ ވަރަށް ސާފުކޮށް އަޑު އިވެއެވެ.
މިއަދުގެ ޖަލްސާ ގައި މެމްބަރުންގެ އަރައިރުން ބޮޑުވުމުން، ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން މެދުކަނޑައިލުމަށް ފަހު އަލުން ފެށި އިރު ވެސް އެ އަރައިރުން އުފެދުނު މައްސަލައާ މެދު އޮތީ ގޮތެއް ނުނިމި އެވެ. މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންނާއި އެޕާޓީން ވަކިވެވަޑައިގެން “ދަ ޑިމޮކްރެޓްސް” ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރައްވާ މެމްބަރުންނާ ދެމެދު އަރައިރުމެއް ފެށުނީ ކޮމިޓީތަކުގެ އެކުލެވުން ބަދަލުކުރުމުގެ މައްސަލައިގަ އެވެ.
އެކަމާއި ގުޅިގެން ރިޔާސަތާއި ހަވާލުވެ އިންނެވި، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ ކޮމިޓީތަކުގެ އެކުލެވުމާ މެދު ވާހަކަ ދައްކަވަން، އެޖެންޑާގެ އެ އައިޓަމާ ހިސާބަށް ދިއުމުން ފުރުސަތު ދެއްވާނެ ކަމަށެވެ.
އަދި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ރިޔާސަތުންވަނީ ޖަލްސާ މެދުކަނޑާލާފައެވެ. ޖަލްސާ ގައި މެމްބަރުންގެ އަރައިރުން ބޮޑުވުމުން، ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން މެދުކަނޑައިލުމަށް ފަހު އަލުން ފެށި އިރު ވެސް އެ އަރައިރުން އުފެދުނު މައްސަލައާ މެދު އޮތީ ގޮތެއް ނުނިމި އެވެ.
މަޖިލީހުގައި މެމްބަރުން ވާހަކަ ދައްކަވަނިކޮށް މައިކް އަތުލައި ހަޅޭލަވަމުން ގެންދެވި އިރު ވެސް އެއްވެސް މެމްބަރެއްގެ ނަން މިއަދު އަފީފް އިއްވާފައި ނުވެ އެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ތަކުރާރުކުކޮށް އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު އަފީފު ބަލަހައްޓަވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ވެސް ތަޅުމުގައި ވަޑައިގެން ނެތުމުންނެވެ. އެފަދަ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓަވަން އަފީފާ ހަވާލުކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.