ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓްއަށް 551 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
އެ ގޮތުން ޝަކުވާތައް ބެލުމަށްފަހު އާ ލިސްޓް މި ފަށާ ހަފްތާތެރޭގައި ގެޒެޓް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވޯޓުލާމީހުންގެ ލިސްޓަކީ ސިއްރުން ގެންގުޅޭ އެއްޗެއްނޫން ކަމަށާއި، މަޖިލިސް މެންބަރުން ހެއްދެވި ގާނޫނުގައި އޮންނަގޮތަށް، ލިސްޓު ގެޒެޓުކޮށް ޕާޓީތަކަށް ލިސްޓު ފޮނުވައި، ހުރިހާ ރަށެއްގައި ލިސްޓު ޢާންމުކޮށް ޝަކުވާއަށް ހުޅުވާލައި، ޝަކުވާ އާ ގުޅިގެން އަންނަ ބަދަލުވެސް ގެޒެޓު ކުރަމުންދާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ކޮމިޝަންއަށް ހުށަހަޅާފައިވާ ޝަކުވާތަކަށް މިހާރު ޖަވާބުދާރީ ވެފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވޯޓަރސް ލިސްޓްއަށް ހުށަހަޅާފައިވާ 551 ޝަކުވާގެ ތެރެއިން 465 ޝަކުވާއަކީ މަރުތަކާއި ގުޅިފައިވާ ޝަކުވާކަމަށާއި، އަދި ލިސްޓްގައި ނަން ނެތިގެން 19 ޝަކުވާ އައި އިރު ބާކީ 58 ޝަކުވާ އަކީ އެޑްރެސް ބަދަލުވެގެން ލިބިފައިވާ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބަށް ވާންޖެހޭ އެހެން ހުރިހާ ތައްޔާރީތަކެއްވެސް އެ ކޮމިޝަނުން މިހާރު ވަމުންދާ ކަމަށް ހަބީބް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެ ގޮތުން ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އެހެން ފަރާތެއްގެ އެހީތެރިކަމާއި ނުލައި ވޯޓު ލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވެ ނިމިފައިވާކަމަށް އެ ކޮމިޝަނުންވަނީ ބުނެފައެވެ.