މިދިޔަ ހުކުރު ދުވަހު ހ. ހާޅަލަމާގެ ގްރައުންޑް ފްލޯގައި މަރުވެފައި އޮއްވާ ފެނުނު މީހަކީ ވައްކަން ކުރަން ވަތް މީހެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، އުމުރުން 43 އަހަރުގެ އެ ފިރިހެން މީހާ، ހަބަރު ހުސްވެގެން ވެއްޓިފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ދުވަހުގެ މެންދަމު 1:20 ހާއިރުއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އޭނާ އެގެއަށް ވަދެ އުޅުނީ ކަރަންޓް ކޭބަލްއެއް ވަގަށް ނެގުމަށް ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ކަރަންޓު ކޭބަލް ބުރިކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެން ކަމަށް ފުލުހުންގެ ތަހުގީގަށް ބެލެވޭ ކަމަށްވެސް އެ މެސެޖުގައި ބުނެފައިވެއެވެ.
މަރުވި މީހާގެ ހަށިގަނޑުން ކަރަންޓުގައި ޖެހިފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށާއި އޭނާ ބިންމައްޗަށް ވެއްޓިފައި އޮތް ތަނުން، ވައްކަން ކުރަން ބޭނުންކުރާ އާލާތްތައްވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ މަހުގެ ފުލުހުންގެ ތަފާތު ހިސާބުތަކަށް ބަލާއިރުވެސް ޖޫން މަހުގައި އެކަނިވެސް ވައްކަމުގެ 171 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
ކޮންމެ މަހެއް ނިމުމުން ފުލުހުންގެ ތަފާތު ހިސާބުތައް ނެރޭ އިރު އާންމު ގޮތެއްގައި އަބަދުވެސް އެންމެ ގިނައީ ވައްކަމާއި ގުޅޭ މައްސަލަ މައްސަލަ ތަކެވެ.

