އއ.ހިމަންދޫ ހުޅަނގު ފަރާތުގައި ހުންނަ ‘ބްލޫހާޓް’ ކިޔާގެއެއް ރާޅާއެކު ގިރަމުންދާތީ އެގެހުރި ސަރަހައްދު ހިމާޔަތްކުރަން އެރަށުގެ ރައްޔިތުން ނިކުމެއްޖެއެވެ.
ހިމަންދޫ އަކީ ރަށްގިރުމުގެ މައްސަލަ ބޮޑު ރަށެކެވެ. ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށް އެރަށު ކައުންސިލުން ސަރުކާރާއި އެކު މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ދިމާވި މައްސަލައަކާއި އެ މަސައްކަތް ހަވާލުކުރި ފަރާތުން އެމަސައްކަތް ކޮށްފައިނުވާތީ އެއެގްރިމެންޓް ބާޠިލްކޮށް އަލުން މިނިސްޓްރީއާއެކު ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލް ވަނީ ވިދާޅުވެފައެވެ.
ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލް ވިދާޅުވީ މިއަދުވެސް ގޭގެ ވެރިފަރާތުން ރައްޔިތުންގެ ބަޔަކާއެކު ގެ ހިމާޔަތްކުރުމަށް މަސައްކަތްތަކެއްކޮށްފައިވާކަމަށެވެ. އަދި ވަގުތީ ހައްލެއްވެސް ނުގެނެވި ކޮންޓްރޯލްނުކުރެވިއްޖެނަމަ ދެދުވަހެއްގެ ތެރޭގައި ގެއިން ބައެއް ވެއްޓިދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިވަގުތު އެރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތްކުރަމުން އަންނަ އެމް.ޓީ.ސީ.ސީގެ ވެހިކަލްތައް ބޭނުންކޮށްގެން ވަގުތީ ހައްލެއް ގެނައުމަށް މަސައްކަތް ފަށާނެކަަމަށްވެސް ހިމަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މިދުވަސްވަރަކީ ރާއްޖެއަށް މޫސުންވެސް ގޯސް ދުވަސްވަރަކަށްވުމުން ރާއްޖޭގެ އެކި ރަށްތަކަށް އަންނަނީ އެކިވަރުގެ ގެއްލުންތައްވަމުންނެވެ.